ނޫސް ބަޔާން

5 ޖުލައި 2011 ވީ އަންގާރަ ދުވަހުގެރޭ 8.30 ގައި ބެއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާ ބޭއްވިފައިވަނީ ޖަލްސާގެ އެޖެންޑާ 3 ދުވަސްކުރިން މެންބަރުންނަށް ނުފޮނުއްވާ ކަމަށް ވިދާޅުވެ ބައެއް މީޑިއާ ތަކުގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ދަންނަވަމެވެ.

17 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލުމަށްފަހު އެމަޖިލީހުން އެކުލަވާލައްވައި ފާސްކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި މަޖިލީހުގެ ޖަލްސާގެ އެޖެންޑާ 3 ދުވަސްކުރިން މެންބަރުންނަށް ފޮނުވަންވާނެކަމަށް ބަޔާންކޮށްފައެއް ނުވެއެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީސް އެކުލަވާލުމަށްފަހު އެމަޖިލީހުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އަލުން ދިރާސާކުރައްވައި އެގަވައިދު ފާސްކުރެއްވުމުގެ ކުރިން ޢަމަލުކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ޖަލްސާއެއް ބޭއްވުމަށް ކަނޑައަޅާ ދުވަހާއި، ޖަލްސާ އޮންނަ ދުވަހާދެމެދު 3 ދުވަހަށް ވުރެ ދިގު މުއްދަތެއް ހިނގާނަމަ އެޖަލްސާ އޮންނާނެކަން މެންބަރުންނަށް އަންގާއިރު، އެޖަލްސާގެ އެޖެންޑާވެސް މަޖިލީހުގެ ރައީސް މެންބަރުންނަށް ފޮނުވަންވާނެކަމުގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުން އަލަށް އެކުލަވާލައްވައި ފާސްކުރެއްވި ގަވައިދުގެ 42 ވަނަ މާއްދާގައި ވަނީ މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައިވެސް އެޖެންޑާއެއް އޮންނަންވާނެކަމަށާއި، އެ އެޖެންޑާ ކަނޑައަޅާނީ މަޖިލީހުގެ ރައީސް ކަމުގައެވެ.

އަދި ހަމަ އެމާއްދާގައި ޖަލްސާގެ އެޖެންޑާގައި ހިމަނާނީ އެޖަލްސާއެއްގައި ނިންމުމަށްއެދި ނުވަތަ ކުރުމަށް އެދި ހުށަހަޅާ ކަންކަން ކަމަށާއި، އަދި އެކަންކަން ސާފުކޮށް އެނގޭނެ މިންވަރަށް އަދި އެކަންކަން ނިންމުމަށް ނުވަތަ ކުރުމަށް އެދޭ ތަރުތީބުވެސް އެޖެންޑާގައި އެނގެން އޮންނަންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެމާއްދާގައި ކޮންމެ ޖަލްސާއެއްގެވެސް އެޖެންޑާ، އެޖަލްސާއަކަށް ޙާޒިރުވެ ތިބި މެންބަރުންނަށް ފެންނަން އޮންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން މަޖިލީހުގެ ޖަލްސާއެއްގެ އެޖެންޑާ އެޖަލްސާއެއް ބޭއްވުމުގެ 3 ދުވަސްކުރިން މެންބަރުންނަށް ފޮނުވަންޖެހޭނެކަމަށް މިހާރު ޢަމަލުކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

2011 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބޭނުންކުރެވޭ ކަރުދާސް މަދުކުރުމުގެ ސިޔާސަތުގެ ދަށުން މަޖިލީހުގެ ޖަލްސާގެ އެޖެންޑާއާއި އެއެޖެންޑާގައި ހިމެނިފައިވާ ކަންކަމާގުޅޭ ހުރިހާ ލިޔުންތަކެއް މެންބަރުންނަށް ފެނިވަޑައިގަންނަވާނެ އިންތިޒާމް ހަމަޖައްސާފައިވަނީ އިލެކްޓްރޯނިކް ވަސީލަތަކުންނެވެ. އެއީ މެންބަރުންގެ މޭޒުކޮޅުމަތީ ބެހެއްޓިފައިވާ ސްކްރީންތަކުން އެޖެންޑާއައި ލިޔުންތައް ފެނިވަޑައިގަންނަވާ ގޮތަށެވެ.

މީގެކުރިންވެސް މަޖިލީހުގެ ޖަލްސާތައް ރޭގަނޑު ބާއްވާގޮތަށް ހަމަޖެހުމުން އެކަން މެންބަރުންނަށް ދަންނަވާލުމުގެ އެންމެ އަވަސް މަގަކީ އެސް.އެމް.އެސްގެ ޒަރީޢާއިން އެކަން މެންބަރުންނަށް ދަންނަވާލުމެވެ. އަދި އެގޮތުން ދަންނަވާދެންނެވުންވެސް މެންބަރުންނަށް ލިބިވަޑައިގަންނަވާނީ މަޖިލީހުގެ ޖަލްސާތަކާބެހޭކަންކަން އިންތިޒާމްކޮށް ބަލަހައްޓާ ސެކްޝަންގެ ނަންބަރަކުންނެވެ. އެކަން ހުރިހާ ޢިއްޒަތްތެރި މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެއެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މީގެކުރިންވެސް ރޭގަނޑު ޖަލްސާތައް ބާއްވާފައިވެއެވެ. އަދި ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މިދެންނެވި ގޮތަށް އެސްއެމްއެސްގެ ޒަރީޢާއިން ޖަލްސާއަށް ދަންނަވާފައިވެއެވެ. އެގޮތުން 28 ޑިސެމްބަރ 2009 ގައި ބޭއްވުނު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 79 ވަނަ ޖަލްސާއާއި 20 ޑިސެމްބަރ 2010 ގައި ބޭއްވުނު 2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 26 ވަނަ ޖަލްސާއަކީވެސް މިދެންނެވި އުސޫލުން ކުޑަ ވަގުތުކޮޅެއްގެތެރޭގައި އެސް.އެމް.އެސް ފޮނުވައިގެން ޖަލްސާއަށް ވަޑައިގަތުމަށް ދަންނަވައިގެން ބޭއްވިފައިވާ ޖަލްސާތަކެކެވެ. އެޖަލްސާތައް ބެއްވިފައިވަނީ ރޭގަނޑު 8:30 ގައެވެ.

އެހެންކަމުން ބައެއް މީޑިއާ ތަކުގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން މިކަން ސާފުކޮށް އެރުވުމުގެ ގޮތުން މި ނޫސް ބަޔާން ނެރުނީމެވެ.

5 ޝަޢުބާން 1432

6 ޖުލައި 2011