ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބިލު މަޖިލީހުން ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަކަށް ފޮނުއްވައިފި

މިއަދު އޮތް، ރައްޔިތުންގެ މަޖިލީހުގެ 11 ވަނަ ޖަލްސާގައި، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބިލު މަޖިލީހުން ބަލައިގަނެ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބިލަށް ވާހަކަދައްކަވަން އެދިވަޑައިގެންތިއްބެވި މެންބަރުންނަށް ފުރުޞަތު ދެއްވުމަށްފަހު، މަޖިލީހުން މިބިލު ބަލައިގަތުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން، ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާވަނީ މެންދުރުފަހުގެ ހުސްވަގުތުކޮޅަށް މެދުކަނޑާލުމަށްފަހު 1:30 ގައި އަލުން ފަށައި ކުރިއަށް ނުގެންދެވިގެން 14:13 ގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 40 ވަނަ މާއްދާގެ (ހ) ގެ ދަށުން ނިންމަވާލައްވާފައެވެ. ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށްގެންދަވާފައިވަނީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ދައުލަތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި ޞިއްޙީ ޚިދުމަތުގެ ސިޔާސަތު ކަނޑައެޅުމުގެ ބިލުގެ ބަހުސް މަރުޙަލާއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 28 ޖޫން 2011 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.