”ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް އިންޑިޔާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް” ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިންވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލާންޖެހޭ ބާވަތުގެ މުޢާހަދާތަކާއި އެނޫންވެސް އެއްބަސްވުންތަކުގައި ސޮއިކޮށް ތަސްދީޤުކުރަންވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ކަމަށްވާތީ “ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް އިންޑިޔާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް” ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވުމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 10 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

“ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް އިންޑިޔާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް” ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވުމުގެ ބޭނުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާޢީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއްޤައުުމަށް ދިނުންކަމަށާއި މިގޮތުން، މީހުން ޙާޟިރުކުރުމާއި، ކޯޓު އަމުރު ތަންފީޛުކުރުމާއި އެހެނިހެން ޝަރުއީ ކަންކަމުގައި އެއްޤައުމު އަނެއް ޤައުމަށް އެހީތެރިކަން ބޭނުންވާނެކަން ދަނެ، އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި މިފަދަ މުޢާހަދާތަކުގެ ދަށުން ކުށް މަދުކުރުމަށާއި، ހުއްޓުވުމަށާއި މިފަދަ މައްސަލަތައް ތަޙުޤީގުކުރުމަށް ދެޤައުމުގެ ތަންފީޛީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް ބާރުއެޅުން ކަމުގައި މިޓްރިޓީގައި  ބަޔާން ކޮށްފައިވެއެވެ.

ޓެރެރިޜަމްއާއި ޓެރެރިޜަމްގެ ޙަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދާދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެ، ތަޙުޤީޤުކުރުމާއި ޝަރީއަތްކުރުން ހަރުދަނާކުރުމުގެ ބޭނުމުގައި އެއްޤައުމުން އަނެއްޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މިޓްރިޓީގެ ވަރަށްބޮޑު ބޭނުމެއް ކަމަށާއި، ޤައުމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި، ގިނަވަމުންދާ ކުށްވެރި ޢަމަލުތަކާއި، ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓުވަން މަސައްކަތްކުރުމަކީވެސް މިޓްރިޓީގެ ވަރަށްބޮޑު ބޭނުމެއްކަމުގައި ޓްރިޓީގެ މަޢުލޫމާތު ތަކުގެ ތެރޭގައި ހިމެނިފައިވެއެވެ.