ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޖަރުމަނުވިލާތުގެ ޤާނޫނުހަދާމަޖިލީހުގެ މެންބަރުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޖަރުމަނުވިލާތުގެ ޤާނޫނުހަދާމަޖިލީހުގެ މެންބަރުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅެފިއެވެ. މިމެޗް 5 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ރައްޔިތުންގެ މަޖިލީހުގެ ޓީމެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމަށް ހޮވިފައިވަނީ ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ވަހީދުއެވެ.

މިމެޗަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޖަރުމަނުވިލާތުގެ ޤާނޫނުހަދާމަޖިލީހުގެ މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ކުޅެވުނު މެޗެކެވެ. މިމެޗުގެ ޝަރަފުވެރި މެޙުމާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.