ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޖަރުމަނުވިލާތުގެ ޤާނޫނުހަދާމަޖިލީހުގެ މެންބަރުންގެ ވަފުދާ ބައްދަލުކުރައްވައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ޖަރުމަނުވިލާތުގެ ޤާނޫނުހަދާމަޖިލީހުގެ މެންބަރުންގެ ވަފުދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާގޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ވަފުދު ރާއްޖެއަށް މިކުރެއްވި ފުރަތަމަ ދަތުރުފުޅަށް މަޖިލީހުގެ ރައީސް މަރުޙަބާ ވިދާޅުވިއެވެ. އަދި މިބައްދަލުކުރެއްވުމުގައި މަޖިލީހުގައި ކުރެވެމުންދާ މަސައްކަތްތަކާއި ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަފުދަށް އޮޅުންފިލުވައި ދެއްވިއެވެ.

މީގެއިތުރުން ޖަރުމަނުވިލާތާ ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ، އަދި ތިމާވެށްޓާބެހޭ ކަންކަމާއި، ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން، މަޝްވަރާ ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޖަރުމަނު ވިލާތުގެ ޤާނޫނުހަދާމަޖިލީހުގެ މެންބަރުންނާއިއެކު މާދަމާ ކުޅެވޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗަށް މަޖިލީހުގެ މެންބަރުން ތައްޔާރުވަމުންދާކަމަށް ވިދާޅުވެ، މިފަދަ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ރޭއްވެވި ކަމަށްޓަކައި އުފާފުޅުކުރަށްވާކަމަށް ވިދާޅުވިއެވެ.