ކޮންވެންޝަން އޮން ދި ރިކޮގްނިޝަން އެންޑް އެންފޯސްމެންޓް އޮފް ފޮރިންގ އާރބިޓްރަލް އެވޯރޑްސް ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރުމަށް މަޖިލީހުން ފާސްކުރައްވައިފި

“ކޮންވެންޝަން އޮން ދި ރިކޮގްނިޝަން އެންޑް އެންފޯސްމެންޓް އޮފް ފޮރިންގ އާރބިޓްރަލް އެވޯރޑްސް” ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރައްވައިފިއެވެ. މިމައްސަލަ ފާސްކުރެއްވުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން ފެންނަކަމަށް 64 މެންބަރުން ވޯޓުދެއްވިއެވެ. އަދި ނުފެންނަކަމަށްް 1 މެންބަރަކު ވޯޓުދެއްވިއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ 5 މެންބަރުން ތިއްބެވިއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު އަލްފާޟިލް ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ ހަޅުތާލުކުރުމުގެ ބިލު އެކުލަވާލެވިފައިވަނީ، ޤާނޫނުއަސާސީގެ 31 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެންމެހާ މަސައްކަތްތެރިންނާއި ވަޒީފާއަދާކުރާ ފަރާތްތަކަށް ލިބިދޭ އިޙްތިޖާޖުކުރުމަށްޓަކައި، ހަޅުތާލުކުރުމުގެ ޙައްޤުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ލިބިދިނުމުގެ މަޤްޞަދުގައިކަމަށްވުމާއެކު، އެގޮތުގެމަތިން، މިބިލު އިޞްލާޙުކުރާނަމަ، މަތީގައި ބަޔާންކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް، ބިލު ބިނާވެފައިވާ އުސޫލުތަކާއި މުޅިން ތަފާތު އުސޫލުތަކެއްގެ މައްޗަށް ބިލު މުޅިން އަލުން އެކުލަވާލަންޖެހޭތީ، ބިލު އަލުން ފަރުމާކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވިއެވެ. ވި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ފެންނަކަމަށް 67 މެންބަރުން، ނުފެންނަކަމަށް 3 މެންބަރުންގެ ވޯޓުންނެވެ. އަދި ވަކިގޮތަކަށް ވޯޓުނުދެއްވާ 1 މެންބަރަކު އިންނެވިއެވެ.