ދެކުނު އެފްރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ދެކުނު އެފްރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޖެފްރީ ކުއިންޓަން ޑޮއިޖް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އައު ސަފީރަށް މަރުޙަބާ ވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ. އަދި އަލަށް އިންތިޚާބުކުރެވުނު ރައްޔިތުންގެ މަޖިލީހަކީ، އައު ޤާނޫނުއަސާސީގެ ދަށުން ހުރިހާ މެންބަރުން ފުރަތަމަ ފަހަރަށް އިންތިޚާބު ކުރެވި ފުރިހަމަ ރިޔާސީ ނިޒާމެއްގެ މަތިން ހިންގަމުންދާ މަޖިލީހެއްކަމުގައި ވިދާޅުވިއެވެ.  އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް މަޖިލީހުގެ ދާއިރާއިންވެސް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިޒިޔާރަތުގައި އިޤްތިޞާދީގޮތުން ގުޅުން ބަދަހިކުރައްވައި، ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ގޮތެއް ހަމަޖެއްސެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ދެކުނު އެފްރިކާގެ ސަފީރު މިސްޓަރ ޖެފްރީ ކުއިންޓަން ޑޮއިޖް، ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާއި ދެކުނު އެފްރިކާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރައްވައި، ދެކުނު އެފްރިކާއިން ދެމުންގެންދާ އެހީތެރިކަން ފުޅާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެރުއްވިއެވެ.

13 ރަޖަބު 1432

15 ޖޫން 2011