“ރޯމް ސްޓެޓިއުޓް އޮފް ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް” ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވުމުގެ މައްސަލަ މަޖިލީހުން ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި “ރޯމް ސްޓެޓިއުޓް އޮފް ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް” ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވުމުގެ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓްވަނީ ހުށަހަޅުއްވާފައެވެ. މި ރިޕޯޓުގެ ބަހުސް ނިންމަވާލެއްވުމަށްފަހު ރިޔާސަތުން ވަނީ މިމައްސަލައަށް ވޯޓަށް އައްސަވާފައެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން ފާސްކުރެއްވުމަށް ވޯޓު ދެއްވާފައިވަނީ 61 މެންބަރުންނެވެ.

“ރޯމް ސްޓެޓިއުޓް އޮފް ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް” ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ހަޅުތާލުކުރުމުގެ ބިލު، ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް ވަނީ ހުށަހެޅުއްވާފައެވެ.