އ.ދ ގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމަށްޓަކައި އެމް.އޯ.ޔޫ ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރުމަށް ހުށަހެޅިފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި، އ.ދ ގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމަށްޓަކައި ސޮއިކުރަންޖެހޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 243 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމުން ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެމަތީން ނިންމުމަށް ހުށަހަޅުއްވާފައިވާ މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ޤައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މިމައްސަލައަށް 1 ގަޑިއިރު ބަހުސްކުރައްވާފައިވެއެވެ. އަދި މި މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަކަށް ފޮނުވުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވައި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ތާއީދުކުރެއްވި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ފެންނަކަމަށް 61 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. އަދި ނުފެންނަކަމަށް 4 މެންބަރުން އަދި 1 މެންބަރަކު ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

 

12 ރަޖަބް 1432

14 ޖޫން 2011