“ޤާނޫނު ހަދާ މަޖިލީހާއި މީޑިޔާ” ގެ ނަމުގައި ސެޝަނެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހާއި މޯލްޑިވްސް މީޑިޔާ ކައުންސިލް ގުޅިގެން “ޤާނޫނު ހަދާ މަޖިލީހާއި މީޑިޔާ” މިނަމުގައި މީޑިޔާގެ ފަރާތްތަކަށް އަމާޒުކޮށްގެން މާދަމާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާ މި ސެޝަންގައި މައުލޫމާތު ދެއްވާނީ ރައްޔިތުންގެ މަޖިލީހާއި، ކޮމަންވެލްތް ސެކްރެޓޭރިއެޓާއި ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގުޅިގެން ސަރުކާރާއި އަދި އިދިކޮޅު ފަރާތްތަކުގެ ދައުރާއި ޙައްޤުތަކާއި ޛިއްމާތަކާ ބެހޭގޮތުން ކޮމަންވެލްތް ޤައުމުތަކުގެ މަސައްކަތު ބައްދަލުވުމަށް ރާއްޖެ މިހާރު ވަޑައިގެން އުޅުއްވާ 4 ބޭފުޅުން ކަމަށްވާ ކޮމަންވެލްތްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މަސަކަވާ މަސީރޭ-މޮވަމްބާ އާއި ކެންޔާގެ ނެޝިނަލް އެސެމްބްލީގެ ރައީސް އޮނަރަބަލް ކެނެތް މެރެންޑޭ އާއި ސެއިންޓް ލޫޝިއާގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ އޮޕްޒިޝަން ލީޑަރ އޮނަރަބަލް ކެނީ އެންތަނީ އަދި ކޮމަންވެލްތް ޖާނަލިސްޓް އެސޯސިއޭޝަން (ޔޫ.ކޭ) ރާއީސް މިސް ރީޓާ ޕޭން އެވެ.

މި ސެޝަންގައި މަޢުލޫމާތު ދިނުމުގެ އިތުރުން ސުވާލާއި ޖަވާބާއި ދެފަރާތުގެ މެދުގައި ހިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވެއެވެ. މިސެޝަނަށް މީޑިޔާ އާ ގުޅުންހުރި 30 ފަރާތަކަށް ވަނީ ދަޢުވަތު އެރުވިފައެވެ.

މިއީ ރައްޔިތުންގެ މަޖިލީހާއި މީޑިޔާގެ ފަރާތްތަކާ ގުޅުނބަދަހިކުރެއްވުމަށް ހިންގުމަށް ރޭއްވިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެކެވެ.

11 ރަޖަބު 1432

13 ޖޫން 2011