އޭޝިޔާ-ޕެސިފިކް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ބޭއްވެމުންދާ 15 ވަނަ ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޚިޠާބްއެއް ދެއްވައިފި

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މިހާރުކުރިއަށްދާ އޭޝިޔާ-ޕެސިފިކް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ 15 ވަނަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިއްޔެ މެންދުރުފަހު ޚިޠާބްއެއް ދެއްވައިފިއެވެ. އެމަނިކުފާނުގެ ޚިތާބު ބިނާކުރައްވާފައިވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ.

މިޙިޠާބުގައި ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ ފަތުރުވެރިކަމުގެ މައްޗަށްކަމާއި ނަމަވެސް ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން، ޚާއްސަކޮށް ކަނޑުގެ ލޮނުގަނޑު މައްޗަށްދިޔުމުންނާއި ހޫނުވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއްކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ ގޮޑުދޮށްތައް ގިރުމުގެ ސަބަބުން ރިސޯޓު ތަކުގައި ހަދާފައިވާ އިމާރާތްތަކަށް ބޮޑުތި ގެއްލުން ވަމުންދާކަމުގައި ހާމަކުރެއްވިއެވެ. އަދި ކަނޑުގެ ލޮނުގަނޑު ހޫނުވުމުން ރާއްޖޭގެ އަކިރި އާއި މުރަކައާއި ކަނޑުއަޑީގެ ދިރުމަށް ލިބޭ ކޮންމެ ގެއްލުމަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ސީދާ އަސަރުކުރާކަމުގައި ވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާއި އޭގެ ސަބަބުން ދިވެހިރާއްޖެއަށް ނޭދެވޭ އަސަރުކުރާކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ދިވެހިރާއްޖޭން 24 އަހަރު މަސައްކަތްކޮށްފައިވާ ކަމަށާއި އަދިވެސް ކުރަމުންގެންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މިކަމާގުޅޭގޮތުން ދިވެހިރާއްޖެއިން އިސްނަގައިގެން އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ އިއްތިފާޤުން ދެ ޤަރާރެއްވެސް ފާސްކޮށްފައިވާކަމުގައި ވިދާޅުވެ، 2009 ވަނަ އަހަރުގެ ޑިސެމްބަރ މަހު ފާސްކުރެވުނު ކޯޕަންހޭގަން އެކޯޑުގައި ބައިވެރިވެފައިވާކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖެއަކީ “ކާބަން ނިއުޓްރަލް” ގައުމަކަށް ހެއްދެވުމަށް ސަރުކާރުން އިޢުލާނުކުރައްވާފައިވާކަމުގައި ވެސް ވިދާޅުވެ، މިގޮތުން މިހާރުވެސް ފަތުރުވެރިކަމުގެ ސިނާޢަތުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރަމުންދާކަމާއި އުކާލާކުނި ނައްތާލުމަށް ރަނގަޅުގޮތްތައް ހޯދުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ ޚިޠާބު ނިންމަވާލެއްވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށްކުރާ ނޭދެވޭ އަސަރުތަކުން، ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރެވޭނީ މިކަމަށް ބައިނަލްއަޤްވާމީ މަސްރަޙްގައި ޙައްލެއް ހޯދިގެން ކަމަށާއި އިއާދަކުރުވަނިވި ހަކަތަ ޤަައުމުތައް ތަރައްޤީވުމަށް ބޭނުންކުރެވިގެން ކަމުގައި ވިދާޅުވަމުންނެވެ.

6 ރަޖަބު 1432

8 ޖޫން 2011