އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ އަސާސީ 8 މުޢާހަދާ ތަޞްދީޤުކުރުމުގެ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ އިޤްތޞާދީ ކޮމެޓީއަށްް ފޮނުއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ އަސާސީ 8 މުޢާހަދާ ތަޞްދީޤުކުރުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގައި އިޢުލާންކުރައްވައި، މިމައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އިޤްތިޞާދީ  ކޮމެޓީއަށް މިއަދު ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 ގައި ބަޔާންކުރަނީ ބޭރު ޤައުމުތަކާއި ބައިނަލްްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުންގެ އެއްވެސް އިލްތިޒާމެއް އުފުލާން ޖެހޭބާވަތުގެ މުޢާހަދާތަކާއި އެނޫންވެސް އެއްބަސްވުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ސޮއިކޮށް، ތަޞްދީޤްކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅާއެކު ފޮނުއްވާފައިވާ އައި.އެލް.އޯގެ އަސާސީ 8 މުޢާހަދާގެ ތެރޭގައި ހިމެނެނީ ކޮންވެންޝަން 29 : (ފޯރސްޑް ލޭބަރ ކޮންވެންޝަން)، ކޮންވެންޝަން 87 : (ފްރީޑަމް އޮފް އެސޯސިއޭޝަން އެންޑް ޕްރޮޓެކްޝަން އޮފް ދަ ރައިޓް ޓު އޯރގަނައިޒް)، ކޮންވެންޝަން 98 : (ރައިޓް ޓު އޯރގަނައިޒް އެންޑް ކަލެކްޓިވް ބާރގެއިނިންގ ކޮންވެންޝަން)، ކޮންވެންޝަން 100: (އީކުއަލް ރެމިއުނަރޭޝަން ކޮންވެންޝަން)، ކޮންވެންޝަން 105: (އެބޮލިޝަން އޮފް ފޯރސްޑް ލޭބަރ ކޮންވެންޝަން)، ކޮންވެންޝަން 111: ޑިސްކްރިމިނޭޝަން (އެމްޕްލޯއިމަންޓް އެންޑް އޮކިއުޕޭޝަން ކޮންވެންޝަން)، ކޮންވެންޝަން 138: (މިނިމަމް އޭޖް ކޮންވެންޝަން) އަދި ކޮންވެންޝަން 182: (ވަރސްޓް ފޯރމް އޮފް ޗައިލްޑް ލޭބަރ ކޮންވެންޝަން) އެވެ.

30 ރަބީޢުލްއާހިރު 1432
6 ޖޫން 2011