ތިމާވެށި ކުރިއެރުވުމާބެހޭގޮތުން އޭޝިޔާ-ޕެސިފިކް ޤައުމުތަކުގެ ޤާނޫނުހަދާމަޖިލީހުގެ މެންބަރުންގެ މެދުގައި ބޭއްވޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި މަޖިލީހުގެ ރައީސް މެލޭޝިއާއަށް ފުރާވަޑައިގެންފި

މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރުގައި މިމަހު 6 ން 9 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެށި ކުރިއެރުވުމާބެހޭގޮތުން އޭޝިޔާ-ޕެސިފިކް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ބޭއްވޭ ކޮންފަރެންސްގައި (އޭ.ޕީ.ޕީ.ސީ.އީ.ޑީ.) ބައިވެރިވެވަޑައިގަތުމަށްޓައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި މެޖޯރިޓީ ލީޑަރ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކު އާއި މައިނޯރިޓީ ލީޑަރ ކެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ ފުރާވަޑައިގަންނަވައިފިއެވެ.

މަޖިލީހުގެ ރައީސް އަށް މި ޖަލްސާއަށް ވަޑައިގެންނެވުމަށް ދަޢުވަތުއެރުވުމަށްޓަކައި 21 ނޮވެމްބަރ 2010 ވަނަ ދުވަހު ޕްރެޒިޑެންޓް އޮފް ދަ ކޮރިއަން ޕާލިމަންޓްރީ ލީގް އޮން ޗިލްޑްރަން ޕޮޕިއުލޭޝަނަލް އެންވަޔަރަމަންޓް މރ. ހާންގ ވޫ ޔީ ވަނީ މަޖިލީހުގެ ރައީސް އާބައްދަލުކުރައްވާފައެވެ.

ޖޫން 7 ވާ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިކޮންފަރެންސްގެ ޕްލެނަރީގައި މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުންނާއި އޭގެ ސަބަބުން ފަތުރުވެރިކަމަށްކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވާނެއެވެ. އަދި މިދަތުރުފުޅުގައި، މެލޭޝިއާގެ ޤާނޫނުހަދާ މަޖިލީހުގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް އޮނަރަބަލް ޓޭން ސްރީ ޕަންދިކަރް އަމިން މުލިއާ އާ މަޖިލީހުގެ ރައީސް ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައިވެއެވެ.

30 ރަބީޢުލްއާހިރު 1432

5 ޖޫން 2011