ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނުގެ އިބްތިދާއީ ބަހުސް ނިންމަވާލައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހެޅުއްވި ޤާނޫނު ނަންބަރު 2010/18 (ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުުގެ އިބްތިދާއީ ބަހުސް މިއަދު ނިންމަވާލައްވައިފިއެވެ. މިބިލު މަޖިލީހުން ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށްވެސް ރިއާސަތުން އިޢުލާންކުރެއްވިއެވެ.

މި ބިލުގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބިލާއި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ދައުލަތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި ޞިއްޙީ ޚިދުމަތުގެ ސިޔާސަތު ކަނޑައެޅުމުގެ ބިލުގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާގައި ރިޔާސަތުން އިއްވަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 6 ޖޫން 2011 ވާ ހޯމަ ދުވަހު ހެނދުނު 9:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.

30 ރަބީޢުލްއާހިރު 1432

2 ޖޫން 2011