މެޖޯރިޓީ ލީޑަރަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރުކަމަށް ރިޔާސަތުން އިޢުލާންކުރައްވައި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކު އަދި މައިނޯރިޓީ ލީޑަރަކީ ކެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ ކަމަށް ރިޔާސަތުން އިޢުލާން ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާގައި ބަޔާންކުރަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ، މަޖިލީހުގައި ހިމެނޭ ގޮނޑިތަކުގެ ތެރެއިން އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތަކުގެ ފަރާތުން ހުންނަ އެންމެ އިސް މެންބަރެވެ. މައިނޯރިޓީ ލީޑަރަކީ، މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތައް ފިޔަވައި، ދެން ހުރި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީގެ ފަރާތުން ހުންނަ އެންމެ އިސް މެންބަރެވެ.

ބައެއް މެންބަރުން ކުރިން ތިއްބެވި ޕާޓީ އިން ވަކިވެވަޑައިގެން އެމްޑީޕީ އާ ގުޅިވަޑައިގަތުމާ ގުޅިގެންނާއި ޕާޓީއަކަށް ނިސްބަތްނުވެ މަޖިލީހަށް ހޮވިވަޑައިގެންނެވި ބައެއްމެންބަރުންވެސް އެމްޑީޕީ އާ ގުޅިވަޑައިގަތުމާގުޅިގެން މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް ރިޔާސަތުން މިއަދު އިޢުލާން ކުރެއްވިއެވެ. މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 34 އެވެ. ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 25 އެވެ. ޕީޕަލްސް އެލަޔަންސް (ޕީއޭ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 7 އެވެ. އަދި ޖުމްހޫރީ ޕާޓީ އާއި ދިވެހި ޤައުމީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ ކޮންމެ ޕާޓީއަކަށް 1 އެވެ. ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި މަޖިލީހުގެ ދަފްތަރުގައި މިހާރު ތިއްބެވި މެންބަރުންގެ އަދަދަކީ 9 އެވެ.

30 ރަބީޢުލްއާހިރު 1432
2 ޖޫން 2011