ރައްޔިތުންގެ މަޖިލީހުގެ ރައީސް ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އާ ބައްދަލުކުރައްވައިފި(29.5.2011)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ވޫ ބަންގޫ އާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

މަޖިލީސްކުރާ ގޭގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ވޫ ބަންގޫ ރާއްޖެ އަށް މިކުރެއްވި ޒިޔާރަތަށް މަރުޚަބާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ބޭފުޅުންނަށްވެސް މަރުޚަބާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އާ ޗައިނާ އާ ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ވެދެއްވަމުން ގެންދަވާ ދީލަތި އެހީފުޅުތަކަށް ޝުކުރުއަދާ ކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެޤައުމުގެ ދެމެދުގައި މި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްކަމުގައިވާތީ ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ކަމުގައި ވިދާޅުވިއެވެ.

ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަކީ އެމަނިކުފާނަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށާއި ޤާނޫނުހަދާމަޖިލީހުގެ ވަފްދުގެ ބޭއްފުޅުންނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއްކަމަށާއި ރާއްޖެއިން އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފްދަށް ދެއްވި ހޫނު ތަރުހީބަށް ޝުކުރުއަދާކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދެޤައުމުގެ ދެމެދުގައި މިވާގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކައިރިމުސްތަޤްބަލެއްގައި ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް ހުޅުވުމަށް ޗައިނާގެ ސަރުކާރުން ނިންމަވާފައިވާކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން ދެއްވާ އެހީއެއްގެ ގޮތުގައި 100 މިލިޔަން ޔުއާން ގެ ހިލޭ އެހީ ދެއްވުމަށް ޗައިނާ ސަރުކާރުން ނިންމަވާފައިވާކަމުގައިވެސް ވިދާޅުވިއެވެ. މީގެއިތުރުން ފަންނީ އަދި އެކަޑަމިކް ތަފާތު ދާއިރާތަކުން ރާއްޖޭގެ ކިޔަވާކުދިންނަށް 11 ސްކޮލާޝިޕެއް 2011 އިން 2012 އަށް ދެއްވުމަށް ނިންމަވާފައިވާކަމުގައިވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އުފެއްދުންތައް ޗައިނާއަށް އިންޕޯޓްކޮށް ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ޗައިނާގެ ތަފާތު މަންޒިލްތަކުން ރާއްޖެއަށް ސީދާ ފްލައިޓް އޮޕަރޭޓްކޮށް ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ސާކް ސަމިޓުގައި ޗައިނާގެ ސަރުކާރުން ބައިވެރިވުމަށް ނިންމަވާފައިވާކަމަށާއި މިކަމުގެ ސަބަބުން ޗައިނާއާއި ސާކް ޤައުމުތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެން ދާނެކަމުގައި ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާގެ ޖާގައިގެ ދަތިކަން ހުރިމިންވަރު މިޒިޔާރަތުންވެސް އެމަނިކުފާނަށް އެނގިވަޑައިގެންފިކަމަށާއި، މަޖިލީހުގެ އިދާރާގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގައި ޗައިނާގެ ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެކަމުގައި ވިދާޅުވިއެވެ. މިގޮތުން މަޖިލީހުގެ އިދާރާއަށް މިހާރު ލިބިފައިވާ ބިމުގައި އެމަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ކުރައްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި މަޖިލީހުގެ އިދާރާއަށް ދެއްވި އިކްއިޕްމަންޓްސްތައް މަޖިލިހުގެ ރާއީސް އަށް ވެދުން ކުރެއްވިއެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނަށް މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.