ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ވޫ ބަންގޫ ރާއްޖެވަޑައިގަންނަވައިފި(28.5.2011)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ވޫ ބަންގޫ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޒެންގް ރުއިޒެންގ (Madam Zhang Ruizhen) ވެސް ރާއްޖެ ވަޑައިގަތެވެ.

އެދެކަނބަލުންނަށް މާލޭ ވައިގެ ބަދަރުން މަރުޙަބާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަލްފާޟިލް އަހްމަދު ނާޒިމް އާއި ދިވެހި ރައްޔިތުންގެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ކެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރ އަދި މައިނޯރިޓީ ލީޑަރ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކާއި ޖުމްހޫރީ ޕާޓީގެ ލީޑަރ މާމިގިލި ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމްއާއި ދިވެހި ޤައުމީ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރ ވިލުފުށި ދާއިރާގެ މެންބަރ އަލްފާޟިލް ރިޔާޟް ރަޝީދުއާއި މާވަށު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ޢާމިރުއާއި މޯލްޑިވްސް ޗައިނާ ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ލީޑަރ ކެލާ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ މައުސޫމްއެވެ. މީގެއިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަލްފާޟިލް އަސްލަމް ޝާކިރު އާއި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް އަޙްމަދު ލަތީފްއާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙައްމަދުއެވެ.

މރ. ވޫ ބަންގޫ މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ފައިބާވަޑައިގަތުމުން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ފަރާތުން އެމަނިކުފާނަށް އޮނަގާޑެއް އެރުވިއެވެ.

މރ. ވޫ ބަންގޫ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ގެ އަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއި ބައްދަލުކުރައްވާނެއެވެ. ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި ބޭއްވޭ ރަސްމީ ވާހަކަފުޅުތައް އޮންނާނީ މާދަމާ ހެނދުނު 10.00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

މރ. ވޫ ބަންގޫގެ ޝަރަފުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވާ މެންދުރުގެ ރަސްމީ ފަރިއްކޮޅެއް މާދަމާ މެންދުރުފަހު ކުރުނބާ މޯލްޑިވްސްގައި އޮންނާނެއެވެ.

މރ. ބޫ ބަންގޫގެ މިދަތުރުފުޅުގައި ރާއްޖޭގައި 3 ދުވަސް ހޭދަކުރައްވާނެއެވެ. ރާއްޖެ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު އެފްރިކާގެ 3 ޤައުމަކަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.