މަޖިލީހުގެ ރައީސް ޗައިނާގެ ޒިންހުއާ ނިޔުސް އޭޖެންސީ އަށް ބަސްދީގަތުމެއް ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ޗައިނާގެ ޒިންހުއާ ނިޔުސް އޭޖެންސީ އަށް މިއަދު ބަސްދީގަތުމެއް ދެއްވައިފި އެވެ. މަޖިލީސް ކުރާ ގޭގައި ދެއްވި މި ބަސްދީގަތުމަކީ އެމަނިކުފާނުގެ ދަޢުވަތަކަށް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ވޫ ބަންގޫ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ދެއްވި ބަސްދީގަތުމެކެވެ.

މި ބަސްދީގަތުމުގައި މަޖިލީހުގެ ރައީސް ވިދާޅުވީ ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ ވަރަށް ހަރުދަނާ އަސާސެއްގެ މައްޗަށް ކަމަށެވެ. އަދި މިގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވެ، އަންނަ އަހަރު ދެގައުމުގެ ދެމެދުގައިވާ ރަސްމީ ގުޅުމަށް 40 އަހަރު ފުރޭނެކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ހިޒް އެކްސެލެންސީ މިސްޓަރ ވޫ ބަންގޫގެ ދަތުރުފުޅާ ގުޅިގެން ރާއްޖެއަށް އިތުރު އެހީ ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށާއި، ވަކިން ޚާއްސަގޮތެއްގައި ތަރައްޤީގެ މަޝްރޫޢުތަކުގެތެރެއިން ބޯހިޔާވަހިކަމުގެ ދާއިރާ ފާހަގަކުރެއްވި އެވެ. މީގެއިތުރުން ޗައިނާއަށް ދަތުރުކުރުމަށް ދިވެހިންނަށް މިހާރު ވީސާ ބޭނުންވާކަން ފާހަގަކުރައްވައި، ދިވެހިން ވީސާ އާ ނުލައި ޗައިނާއަށް ދަތުރުކުރުމުގެ ފުރުޞަތު ލިބުމުން ދިވެހީންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

23 ޖުމާދަލްއާހިރު 1432

26 މެއި 2011