ކަރަންޓް ސަބްސިޑީ ލިބިދޭނެ އުޞޫލު މާލިއްޔަތު ކޮމިޓީއިން ނިންމަވައިފި

2011 ވަނަ އަހަރުގެ ބަޖެޓް ފާސްކުރެއްވިއިރު، ބަޖެޓަށް ހުށަހެޅުނު އިޞްލާޙެއްގެ ދަށުން ރަށްރަށުގެ އިންޖީނުގެތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، ކަރަންޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށްޓަކައި ސަބްސިޑީގެ ގޮތުގައި ދިނުމަށް ފާސްކުރައްވާފައިވާ 22,317,488 (ބާވީސް މިލިއަން ތިންް ލައްކަ ސަތާރަހާސް ހަތަރުސަތޭކަ އަށްޑިހައަށް ރުފިޔާ) ރައްޔިތުންގެ އިންޖީނުގެތަކަށާއި ޔުޓިލިޓީސް ކުންފުނިތަކަށް ލިބިދޭނެ އުޞޫލު މާލިއްޔަތު ކޮމިޓީއިން މިއަދު ކަނޑައަޅުއްވައިފިއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމަވާފައިވަނީ ސަބްސިޑީގެ ގޮތުގައި ދެއްވުމަށް މަޖިލީހުން ނިންމަވާފައިވާ 22,317,488  ރުފިޔާގެ ތެރެއިން 18,317,488 (އަށާރަ މިލިއަން ތިން ލައްކަ ސަތާރަހާސް ހަތަރުސަތޭކަ އަށްޑިހައަށް ރުފިޔާ) ރަށްރަށުގައި ރައްޔިތުން ހިންގާ އިންޖީނުގެތަކަށް ލިބިދިނުމަށެވެ. އަދި މިފައިސާގެ ތެރެއިން 4,000,000 (ހަތަރު މިލިއަން ރުފިޔާ) ޔުޓިލިޓީސް ކުންފުނިތަކަށާއި، ރައްޔިތުންގެ އިންޖީނުގެ ނެތް ރަށްރަށުގައި، އެރަށަކަށް ކަރަންޓުގެ ޚިދުމަތް ދޭ ފަރާތްތަކަށް ދިނުމަށެވެ.

މާލިއްޔަތު ކޮމިޓީއިން ނިންމެވި ނިންމެވުމުގައި، ރަށްރަށުގެ އިންޖީނުގެތަކަށް ލިބިދެވޭ ފައިސާ އެރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށާއި ޚިދުމަތުގެ އަގުހެޔޮ ކުރުމަށްޓަކައި ބޭނުންކުރެވޭނެކަމަށް ކަނޑައެޅުއްވިއެވެ. އަދި ޔުޓިލިޓީ ކުންފުނިތަކަށް ލިބިދެވޭ ފައިސާ ޚަރަދުކުރެވޭނީ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ ކެޕިޓަލް ޚަރަދުތައް ކުރުމަށް ކަމަށާއި، މިޚަރަދުތައް ކުރުމުގައި ކަރަންޓުގެ ޙާލަތު އެންމެދަށް ރަށްރަށަށް އިސްކަންދިނުމަށް ކަނޑައަޅުއްވާފައިވެއެވެ.

މާލިއްޔަތު ކޮމިޓީއިން ކަރަންޓުގެ ސަބްސިޑީ ދިނުމަށް މިއަދު ނިންމެވުން ނިންމެވީ ވޭތުވެދިޔަ 2010 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ކަރަންޓުގެ ސަބްސިޑީ ދެއްވާފައިވާ އުޞޫލަށް ބެއްލެވުމަށްފަހުގައެވެ. މިގޮތުން މާލިއްޔަތު ކޮމިޓީއިން ބެއްލެވި ބެއްލެވުމުގައި، 2010 ވަނަ އަހަރުގެ ބަޖެޓުން ކަރަންޓު ސަބްސިޑީގެ ގޮތުގައި 39,925,113.40 (ތިރީސް ނުވަ މިލިއަން ނުވަ ލައްކަ ފަންސަވީސް ހާސް އެއްސަތޭކަ ތޭރަ ރުފިޔާ ސާޅީސް ލާރި) ޔުޓިލިޓީ ކުންފުނިތަކަށް ލިބިދެވިފައިވާއިރު، ރައްޔިތުން ހިންގާ އިންޖީނުގެތަކަށް ސަބްސިޑީގެ ގޮތުގައި ފައިސާ ލިބިދެވިފައިނުވާކަން ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ސަބްސިޑީ ލިބިދިނުމުގެ ކަންތައް ހިނގާފައިވުމުން ރައްޔިތުންގެ މެދުގައި އޮންނަންވާ ހަމަހަމަކަން ދެމެހެއްޓިފައިނުވާކަން ފާހަގަކުރައްވައި، 2011 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަރަންޓުގެ ސަބްސިޑީވެސް މިއުޞޫލުން ލިބިދެވެމުންދާތީ މިމައްސަލަ އިތުރަށް ބެލުމަށް ކޮމިޓީއިން ނިންމެވިއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ޖަލްސާއަކީ ކަރަންޓު ސަބްސިޑީގެ މައްސަލަ ނިންމެވުމަށްޓަކައި ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ފުރަތަމަ ދައުރުގެ ތެރޭގައި ކޮމިޓީއިން ނިންމަވާފައިވާ ގޮތުގެމަތިން ބޭއްވުނު ޖަލްސާއެކެވެ.