ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަން (WTO) އާއި ސިންގަޕޫރުގެ ތެމަސެކް ފައުންޑޭޝަންއާއި ގުޅިގެން ބާއްވާ ވާރކްޝޮޕެއްގައި ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރަކު ބައިވެރިވެވަޑައިގެންފި(4.5.2011)

މޭ މަހުގެ 4 ން 6 ށް ސިންގަޕޫރުގައި ކުރިއަށްދާ ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަން (WTO) އާއި ސިންގަޕޫރުގެ ތެމަސެކް ފައުންޑޭޝަން ގުޅިގެން ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ބާއްވާ ބައިނަލް އަޤްވާމީ ވިޔަފާރި އާއި ބެހޭ ވޯރކްޝޮޕްގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން ބައިވެރިވެވަޑައިގަންނަވައިފިއެވެ.

3 ދުވަހަށް ކުރިއަށްދާ މިބައްދަލުވުމަކީ ބަނަވެފައިވާ މިއަދުގެ ދުނިޔޭގައި، ބައިނަލްއަޤްވާމީ ވިޔަފާރި މިއަދު ކުރަންޖެހިފައިވާ މާޙައުލާއި ގުޅޭގޮތުން ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ  ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި (WTO) މިހާރު ހިނގަމުންދާ ވާހަކަ ދެއްކުންތަކަކީ ޤައުމުތަކުގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް ޙައްލުކުރުމުގެ އޮނިގަނޑާއި ސަރަޚައްދީ ވިޔަފާރީގެ އެއްބަސްވުންތަކުގައި ދޭދޭ ޤައުމުތަކުގައި ވެވޭ “ހިލޭ ވިޔަފާރީގެ” އެއްބަސްވުންތަކުގެ މައިގަނޑު ސިފަތަކާއި ދޭތެރޭ މަޝްވަރާކުރުމެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށްހުރި ފުރުޞަތުތަކާއި ގޮންޖެހުންތަކާއިބެހޭގޮތުން މަޢުލޫމާތު ހިއްސާކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ބައިނަލްއަޤްވާމީ ވިޔަފާރިއާއި ހުރި ގުޅުންތަކާއި މެދުވެސް  މިވާރކްޝޮޕްގައި މަޝްވަރާކުރެވޭނެއެވެ.