އެކައުންޓުގައި ފައިސާނެތި ޗެކް ދޫކުރުން މަނާކުރުމުގެ ބިލު މަޖިލީހުން ފާސްކުރައްވައިފި

މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، އެކައުންޓުގައި ފައިސާނެތި ޗެކް ދޫކުރުން މަނާކުރުމުގެ ބިލު، މިއަދު މަޖިލީހުން ފާސްކުރައްވައިފިއެވެ. މިބިލަށް ހުށަހެޅި، ފާސްވި 8 އިޞްލާޙާއެކު ބިލު މަޖިލީހުން ފާސްކުރެއްވީ 37 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މަޖިލީހުގެ މެންބަރަކު ހުށަހަޅުއްވާފައިވާ އިޞްލާޙު ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓުގެ ބަހުސް ނިންމަވާލައްވާ، މި ރިޕޯޓަށް ވަނީ ވޯޓަށް އައްސަވާފައެވެ. ޖުމްލަ 60 މެންބަރުން ބައިވެރިވެވަޑައިގެންނެވި ވޯޓުގައި ކޮމިޓީން ނިންމެވިގޮތަށް ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވީ 3 މެންބަރުނެވެ. އަދި ފެނިވަޑައި ނުގަންނަވާކަމަށް 57 މެންބަރުން ވޯޓު ދެއްވިއެވެ. އެހެންކަމުން މިރިޕޯޓް ފާސްނުވުމުން، މަޖިލީހުގެ ގަވާއިދުގެ 85 (މ) ގައިވާ ގޮތުގެމަތިން ކޮމިޓީއަށް އަނބުރާ ފޮނުވުމަށް ވޯޓަށް އައްސަވައި މިގޮތަށް ވަނީ ފާސްކުރައްވާފައެވެ. ވޯޓުގައި ބައިވެރިވެވަޑައިގެން 68 މެންބަރުންގެ ތެރެއިން 66 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވަނީ ވޯޓު ދެއްވާފައެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓުދެއްވިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެންނަވާފައިވާތީ، އެ މައްސަލަ އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓަށް ވޯޓަށް އެއްސެވުންވެސް މިއަދުގެ ޖަލްސާގައި ކުރިއަށްގެންދެވިއެވެ. މި މައްސަލަ މަޖިލީހުން ފާސްކުރުމަށް ފެނިވަޑައިގަންނަވާތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން، ފެނިވަޑައި ނުގަންނަވާކަމަށް މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. 27 މެންބަރުންނަށް ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވިއިރު 45 މެންބަރުން ވޯޓު ދެއްވީ ފެނިވަޑައިނުގަންނަވާކަމަށެވެ. އަދި 3 މެންބަރުން ވަކިގޮތަކަށް ވޯޓުދެއްވަން ބޭނުންފުޅު ނުވާކަމަށް ވޯޓު ދެއްވާފައިވެއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި، ދެން ވޯޓަށް އެއްސެވީ ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އިން ޕެޓްރޯލް ވިއްކާ ތަންތަނާބެހޭ ގަވާއިދު އުނިކުރުމާ ގުޅޭގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓަށެވެ. 72 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވައިގެން ކޮމިޓީން ހުށަހެޅުއްވިގޮތަށް ވަނީ ފާސްކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައި ކޮންމެ އަހަރަކުމެ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު އޮންނަންވާނެކަމަށް ކަނޑައަޅާފައިވުމާއި އަދި އެއިން ކޮންމެ ދައުރެއްމެ ފަށާ ދުވަހާއި ނިންމާ ދުވަސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމުގައި ބަޔާންކޮށްފައިވުމާއި އެމާއްދާގެ (ނ) ގައި ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވާނީ އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ދުވަހު ނުވަތަ ހޯމަ ދުވަހު ކަމަށް ބަޔާންކޮށްފައިވުމާއެކު، ކުށްކުރުން ހުއްޓުވުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުގެ ބިލު ޤައުމީ ސަލާމަތީ ކޮމިޓީން ނިންމަވައި މަޖިލީހުގެ ރައީސަށް ލިބިފައިވަނީ އިއްޔެ ކަމަށް ވުމާއެކު، ބިލު މެންބަރުންނަށް ފޮނުވައި އިޞްލާޙު ހުށަހެޅުމުގެ ފުރުޞަތު އެރުވުމަށްފަހު މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވޭ ވަރަށް ވަގުތު ލިބިފައިނުވާތީއާއި އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރެއްވުމަށްފަހު، މާލިއްޔަތު ކޮމިޓީން ފޮނުއްވި ރިޕޯޓް، ލިބިފައިވަނީ މިއަދު ކަމަށްވާތީ، އެ ރިޕޯޓް މެންބަރުންނަށް ފޮނުއްވުމަށްފަހު މި ދެ ރިޕޯޓުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދައުރުން ބޭރުގައި ޚާއްޞަ ޖަލްސާއެއް 2 މެއި 2011 ވާ ހޯމަ ދުވަހު ބޭއްވުމަށް ރިޔާސަތުން ބޭނުންފުޅުވާތީ، މިއަދުގެ ޖަލްސާގައި މިކަމަށް ގޮތެއް ނިންމުމަށް ވަނީ ވޯޓަށް އައްސަވާފައެވެ. މި ވޯޓުގައި ބައިވެރިވެވަޑައިގެން 71 މެންބަރުންގެ އަޢުލަބިއްޔަތުން، ޚާއްޞަ ޖަލްސާއެއް ވޭއްވުމަށް ވަނީ ފާސްކުރައްވާފައެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި “ކޮންވެންޝަން އޮން ދި ރިކޮގްނިޝަން އެންޑް އެންފޯސްމެންޓް އޮފް ފޮރިންގ އާރބިޓްރަލް އެވޯރޑްސް” ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރުމުގެ މައްސަލަ ޤައުމީ ސަލާމަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ވަނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވާފައެވެ.

24 ޖުމާދަލްއޫލާ 1432
28 އޭޕްރީލް 2011