ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ އަޙްމަދު އިނާޒްއަށް މަޖިލީހުން ރުހުންދެއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މ. ގުޑްނެސް އަލްފާޟިލް އަޙްމަދު އިނާޒްއަށް މަޖިލީހުން މިއަދު ރުހުންދެއްވައިފިއެވެ. ވޯޓުގައި ބައިވެރިވެވަޑައިގެން 70 މެންބަރުންގެ ތެރެއިން  ފިނޭންސް މިނިސްޓަރ ކަމަށް އަޙްމަދު އިނާޒް ހުންނެވުމަށް ވޯޓުދެއްވީ 68 މެންބަރުންނެވެ. 2 މެންބަރުން ވޯޓު ދެއްވީ ފެނިވަޑައިނުގަންނަވާކަމަށެވެ. އަދި 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން ފުރަތަމަ ދައުރު ހިނގާ މުއްދަތު އިތުރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ޤަރާރުގެ އިބްތިދާއީ ބަހުސް ނިންމަވައި، މި ޤަރާރަށްވެސް ވަނީ ވޯޓަށް އައްސަވާފައެވެ. މި ޤަރާރު މަޖިލީހުން ފާސްކުރުމަށް ފެނިވަޑައިގަންނަވާތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން، ފެނިވަޑައި ނުގަންނަވާކަމަށް މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. 30 މެންބަރުންނަށް ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވިއިރު 34 މެންބަރުން ވޯޓު ދެއްވީ ފެނިވަޑައިނުގަންނަވާކަމަށެވެ. އަދި 6 މެންބަރުން ވަކިގޮތަކަށް ވޯޓުދެއްވަން ބޭނުންފުޅު ނުވާކަމަށް ވޯޓު ދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓްރީ އޮފް ފިނޭސް އެންޑް ޓްރެޜަރީގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެންނަވާފައިވާތީ، އެ މައްސަލަ އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓާއި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އިން ޕެޓްރޯލް ވިއްކާ ތަންތަނާބެހޭ ގަވާއިދު އުނިކުރުމާ ގުޅޭގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅުއްވައި، މި ދެރިޕޯޓުގެ ބަހުސްގެ މަރުހަލާ ވަނީ ނިންމަވާލައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މަޖިލީހުގެ މެންބަރަކު ހުށަހަޅުއްވާފައިވާ އިޞްލާޙު ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުން މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 28 އޭޕްރީލް 2011 ވާ ބުރާސްފަތިދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

23 ޖުމާދަލްއޫލާ 1432

27 އޭޕްރީލް 2011