ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި (26 އޭޕްރިލް 2011)

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވައި މަޖިލީހުން މިބިލު މިއަދު ބަލައިގެންފިއެވެ. މި ބިލު 42 މެންބަރުންގެ އަޤްލަބިއްޔަތުން ބަލައިގެންފައިވާއިރު، 14 މެންބަރަކު ބިލު ބަލައިގަންނަން ނުފެންނަކަމަށް ވޯޓް ދެއްވާފައިވެއެވެ. އަދި ވަކިގޮތަކަށް ވޯޓުދެއްވަން ފެނިވަޑައި ނުގަންނަވާ 7 މެންބަރުން ތިއްބެވިއެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިބިލު ދިރާސާކުރެއްވުމަށް ފޮނުވިފައިވަނީ އިޤްތިޞާދީ ކޮމިޓީއަށެވެ.

މީގެ އިތުރުން، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކު ހޮވުމަށްޓަކައި މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގައި އިޢުލާނުކުރުމާއި، މި މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް ވަނީ ނިންމަވާފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން ފުރަތަމަ ދައުރު ހިނގާ މުއްދަތު އިތުރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރު ހުށަހެޅުއްވުމާއި ޤަރާރުގެ އިބްތިދާއީ ބަހުސް  މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން ސުރުޙީ އިއްވުނު ބިލަކީ، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 27 އޭޕްރީލް 2011 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

22 ޖުމާދަލްއޫލާ 1432

26 އޭޕްރީލް 2011