ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބިލާއި ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލު މަޖިލީހުން ފާސްކުރައްވައިފި (25 އޭޕްރިލް 2011)

ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބިލު މަޖިލީހުން ފާސްކުރައްވައިފިއެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ތެރެއިން މިބިލު ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވީ 41 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާ 23 މެންބަރުން ތިއްބެވިއިރު ވަކިފަރާތަކަށް ވޯޓު ނުދެއްވާ 2 މެންބަރުން ތިއްބެވިއެވެ.

މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދުގެ ނަމުގައި ގަވާއިދެއް ފާސްކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުމަށްފަހު ސުލޫކު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުން ކުރިއަށްގެންދެވިއެވެ. ސުލޫކުގެ ގަވާއިދަށް ހުށަހެޅިފައިވާ 5 އިސްލާޙުވެސް ފާސްނުވެ، މިގަވާއިދުވެސް ފާސްނުވުމުން، އެ ގަވާއިދު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ގަވާއިދުގެ 85 (މ) ގައިވާ ގޮތުގެ މަތިންވަނީ ވޯޓަށް އައްސަވާ ފާސްކުރައްވާފައެވެ. 37 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވިއިރު ފެނިވަޑައިނުގަންނަވާކަމަށް 17 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ 9 މެންބަރުން ތިއްބެވިއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލަށްވެސްވަނީ ރިޔާސަތުން ވޯޓަށް އައްސަވާފައެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން މި ބިލު ފާސްކުރުމަށް 51 މެންބަރަކު ވޯޓު ދެއްވާފައިވާއިރު ބިލު ފާސްކުރެއްވުމަށް ފެނިވަޑައި ނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއްނުވެއެވެ. އަދި ވަކިފަރާތަކަށް ވޯޓު ނުދެއްވާ އިންނެވީ އެންމެ މެންބަރެކެވެ.

މިޞްރު ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން މަޝްވަރާދެއްވާފައިވާ ހ. އޭޝަންލޮޖް އަލްފާޟިލް އާދަމް ޙަސަންގެ ބަދަލުގައި، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މ. އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް، ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ އިތުރަށް މިޞްރު ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންސް ސަފީރުކަމަށް ހަމަޖެއްސެވުމަށް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް، މިއަދުގެ ޖަލްސާގައި ވަނީ ފޮނުއްވަވާފައެވެ.

މީގެއިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 26 އޭޕްރީލް 2011 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

21 ޖުމާދަލްއޫލާ 1432

25 އޭޕްރީލް 2011