ކޮމިޓީތަކުގެ ބައްދަލުވުންތައް ހިނގަމުންދިޔަގޮތް (19 އޭޕްރީލް 2011)

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން މިއަދު 8 ކޮމިޓީއެއްގެ މަސައްކަތް ވަނީ ކުރިއަށްގެންދަވާފައެވެ. އަދި 3 ކޮމިޓީއެއް ވަނީ ކެންސަލް ކުރެވިފައެވެ. އެއީ މާލިއްޔަތު ކޮމިޓީ އާއި އިމްތިޔާޒް ކޮމިޓީގެ ސަބް ކޮމިޓީ އަދި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ އެވެ.

9:30 ގައި ބޭއްވުމަށް ތާވަލް ކުރެވުނު މާލިއްޔަތު ކޮމިޓީ ކެންސަލް ކުރެވިފައިވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުން ނެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެވެ.

ކޮމިޓީގެ މުޤައްރިރު އަދި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އަށް ވަޑައިނުގެންނެވުނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގެންނެވުމުގެ ސަބަބުންނެވެ. އަދި ކޮމިޓީގައި އިންނަވާ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަށް ވަޑައިނުގެންނެވުނީ އެގަޑީގައި އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދާތީއެވެ.

ވަޑައިނުގަންނަވާ މެންބަރުންނަކީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި ކުޅުދުއްފުށީ އުުތުރު ދާއިރާގެ މެންބަރު އަބްދުލްޤަފޫރު މޫސާ އެވެ.

12:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިޔާޒް ކޮމިޓީގެ ސަބް ކޮމިޓީ ކެންސަލްކުރެވިފައިވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އެވެ. އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަށް ވަޑައިނުގެންނެވުނީ ޗުއްޓީގައި ހުންނެވުމުންނެވެ.

ވަޑައިނުގަންނަވާ މެންބަރުންނަކީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު އެވެ.

14:30 ގައި ބޭއްވުމަށް ތާވަލްކުރެވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ކެންސަލްކުރެވިފައިވަނީ އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕް އާއި އިންޑިޔާގެ ފޯމަރ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލުވުމެއް އެގަޑީގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އެވެ.

މިއަދު ހެންދުނު ބޭއްވުނު ކޮމިޓީތަކުގެ ބައްދަލުވުންތަކަކީ 9:30 ގައި އިޤްތިޞާދީ ކޮމިޓީ އާއި ޢާންމު ކޮމިޓީ، 10:00 ގައި ގައި މާލިއްޔަތު ކޮމިޓީ، 11:15 ގައި އިޖްތިމާޢީ ކޮމިޓީ އާއި ޤައުމީ ސަލާމަތު ކޮމިޓީ އަދި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އެވެ. 12:30 ގައި ޤައުމީ ސިއްޙީ އިންޝުއަރެންސާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ ބޭއްވިފައިވާއިރު މެންދުރު ފަހު 14:00 ގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ކުރިއަށް ގެންދެވިފައިވެއެވެ.

މިރޭ  20:30 ގައި ބޭއްވުމަށް ތާވަލްކުރެވިފައިވަނީ އިޤްތިޞާދީ ކޮމިޓީ އެވެ.

15 ޖުމާދަލްއޫލާ 1432

19 އޭޕްރީލް 2011