މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގެންފި

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މި ބިލު 42 މެންބަރުންގެ އަޤްލަބިއްޔަތުން ބަލައިގެންފައިވާއިރު، 14 މެންބަރަކު ބިލު ބަލައިގަންނަން ނުފެންނަކަމަށް ވޯޓް ދެއްވާފައިވެއެވެ. އަދި 3 މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން 10 އޭޕްރީލް 2011 ވީ އާދީއްތަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަޢްޔަނުކުރެއްވި މެންބަރުގެ ނަންފުޅު މަޖިލީހަށް އިއްވައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވުނެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެމަޖިލީހުން ނިންމާ ގޮތުގެމަތިންކަމަށް ބަޔާންކޮށްފައިވާތީ، “އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން” (އައި.އޯ.ޓީ.ސީ) ގައި ދިވެހިރާއްޖެއިން ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމުގެ މައްސަލަ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވުމަށް 53 މެންބަރުންގެ އަޤްލަބިއްޔަތުން ފާސްކުރެއްވުނެވެ.

މީގެއިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 19 އޭޕްރީލް 2011 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

14 ޖުމާދަލްއޫލާ 1432

18 އޭޕްރީލް 2011