ކޮމިޓީތަކުގެ ބައްދަލުވުންތައް ހިނގަމުންދިޔަގޮތް (13 އޭޕްރީލް 2011)

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން މިއަދު 11 ކޮމިޓީއެއްގެ މަސައްކަތް ވަނީ ކުރިއަށްގެންދަވާފައެވެ. އަދި ދެ ކޮމިޓީއެއް ވަނީ ކެންސަލް ކުރެވިފައެވެ. އެއީ އިމްތިޔާޒުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކުރުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި  ކޮމިޓީ އެވެ.

އިމްތިޔާޒުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީީ ކެންސަލް ކުރެވިފައިވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ. 11 މެންބަރުން ތިއްބަވާ އެކޮމިޓީ ބޭއްވުމަށް ތާވަލްކުރެވުނީ ހެންދުނު 09:45 ގައެވެ. ކޮމިޓީއަށް ވަޑައިގެންނެވީ ކުރެންދޫ ދާއިރާގެ މެންބަރު އަޙުމަދު މޫސާއެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދުއާއި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއާއި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އާއި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއާއި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲއާއި މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއެވެ.  ކޮމިޓީގެ ހިމެނި ވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު ހުންނެވީ ސަލާމުގައެވެ. އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާމަނިކުއާއި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އެވަގުތު އެމެންބަރުން ހިމެނިވަޑައިގަންނަވާ މަޖިލީހުގެ އެހެން ކޮމިޓީއަކަށް ވަޑައިގަންނަވަންޖެހުމުން އިމްތިޔާޒުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީއަށް ވަޑައިނުގަންނަވައެވެ.

12:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކުރުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި  ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިނުވަނީވެސް ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ. ކޮމިޓީގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުންގެތެރޭގައި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދުއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން އަލިފުށީ ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒު ހުންނެވީ ޗުއްޓީގައެވެ. އަދި ކޮމިޓީއަށް ވަޑައިގެންނެވީ ހަމައެކަނި މެންބަރަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސައެވެ.

މިއަދު ބޭއްވުނު ކޮމިޓީތަކުގެ ބައްދަލުވުންތަކަކީ 9:30 ގައި އިޤްތިޞާދީ ކޮމިޓީ އާއި ޢާންމު ކޮމިޓީ އެވެ. 11:15 ގައި އިޖްތިމާޢީ ކޮމިޓީ އާއި ޤައުމީ ތަރައްޤީގެ ކޮމިޓީ އަދި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ އެވެ. 12:30 ގައި އިމްތިޔާޒް ކޮމިޓއާއި ޤައުމީ ޞިއްޙީ އިންޝިއުރެންސާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އެވެ.

މެންދުރު ފަހު 4 ކޮމިޓީއެއްގެ ބައްދަލުވުން ކުރިއަށް ގެންދެވިފައިވެއެވެ. އެއީ 14:00 ގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ، 14:15 ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ، 14:45 ގައި ޕެޓިޝަން ކޮމިޓީ އަދި 16:00 ގައިމާލިއްޔަތު ކޮމިޓީ އެވެ.

9 ޖުމާދަލްއޫލާ 1432

13 އޭޕްރީލް 2011