އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ބިލު އެއްވެސް ބަދަލެއް ނުގެންނަވައި މަޖިލީހުން ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަގައި ބިލަށް އެއްވެސް ބަދަލެއް ނުގެންނަވައި މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

ހާޟިރުވި 71 މެންބަރުންގެ ތެރެއިން އެއްވެސް ބަދަލެއް ނުގެންނަވައި ބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް 39 މެންބަރުން ވޯޓް ދެއްވާފައިވާއިރު، ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 29 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. އަދި 1 މެންބަރަކު ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިއަދު ޖަލްސާގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށްވެސް ފާސްކުރައްވާފައިވެއެވެ. މި ބިލު ފާސްކުރެއްވީ 69 މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 209 ވަނަ މާއްދާގެ (ހ) އާއި 210 ވަނަ މާއްދާއާއި ހަވާލާދެއްވައި، ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އޮޑިޓަރ ޖެނެރަލްކަމަށް ޢައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ނަންފުޅު، ރައްޔިރުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގައި އިޢުލާނުކުރައްވައި މި މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މާލިޔަތު ކޮމިޓީއަށް ފޮނުވާފައިވެއެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކުރިއަށްގެންދެވިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 11 އޭޕްރީލް 2011 ވާ ހޯމަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

2 ޖުމާދަލްއޫލާ 1432

6 އޭޕްރީލް 2011