މިއަދުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ހިނގަމުންދިޔަގޮތް (5 އޭޕްރީލް 2011)

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން މިއަދުގެ 14:30 އާ ހަމަޔަށް 12 ކޮމިޓީއެއްގެ މަސައްކަތް ވަނީ ކުރިއަށްގެންދަވާފައެވެ. އަދި ދެ ކޮމިޓީއެއް ވަނީ ކެންސަލް ކުރެވިފައެވެ. އެއީ ގަވާއިދު ކޮމިޓީ އާއި އިމްތިޔާޒް ކޮމިޓީ އެވެ.

ގަވާއިދު ކޮމިޓީ ކެންސަލް ކުރެވިފައިވަނީ ކޮމިޓީގެ މުޤައްރިރު އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު އެވަގުތު ހިނގަމުންދިޔަ އެހެން ކޮމިޓީއެއްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ބައްދަލުވުން ކެންސަލްކުރެއްވުމުންނެވެ. އެކޮމިޓީ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހެނދުނު 11:15 ގައެވެ. އިމްތިޔާޒް ކޮމިޓީވެސް ކެންސަލް ކުރެވިފައިވަނީ ކޮމިޓީގެ މުޤައްރިރު އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ އެވަގުތު ހިނގަމުންދިޔަ އެހެން ކޮމިޓީއެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ބައްދަލުވުން ކެންސަލްކުރެއްވުމުންނެވެ. އެކޮމިޓީ ބޭއްވުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 14:45 ގައެވެ.

ހެނދުނު ދަންފަޅީގައި 9:30 ބޭއްވުނު ކޮމިޓީތަކަކީ އިޤްތިޞާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އަދި ސަރުކާރުގެ މަސްއޫލީއްޔާތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އެވެ. 11:30 ގައި ބޭއްވުނީ 3 ކޮމިޓީގެ ބައްދަލުވުމެވެ. އެއީ އިޖްތިމާޢީ ކޮމިޓީ އާއި ޤައުމީ ސަލާމަތުގެ ކޮމިޓީ އަދި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އެވެ.

މެންދުރު 12:30 ގައި ބެއްވުނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އާއި ސުލޫކު ކޮމިޓީ އެވެ.

މެންދުރުފަހުގެ ދަންފަޅީގައި 14:00 ގައި ޤައުމީ ސިއްޙީ އިންޝުއަރެންސާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ ގެ ބައްދަލުވުމެއް ބޭއްވިފައިވެއެވެ. އަދި 14:30 ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިފައިވެއެވެ.

1 ޖުމާދަލްއޫލާ 1432

5 އޭޕްރީލް 2011