މިއަދުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ހިނގަމުންދިޔަގޮތް (4 އޭޕްރީލް 2011)

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން މިއަދުގެ 2:30 އާ ހަމަޔަށް 10 ކޮމިޓީއެއްގެ މަސައްކަތް ވަނީ ކުރިއަށްގެންދަވާފައެވެ. އަދި ދެ ކޮމިޓީއެއް ވަނީ ކެންސަލް ކުރެވިފައެވެ. އެއީ މާލިޔަތު ކޮމިޓީގެ ސަބްކޮމިޓީ A އާއި ސުލޫކު ކޮމިޓީއެވެ.

މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީ A ކެންސަލް ވެފައިވަނީ ކޮމިޓީގެ ޤާނޫނީ ޢަދަދު ހަމަނުވުމުގެ ސަބަބުންނެވެ. އެކޮމިޓީ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:30 ގައެވެ. ކޮމިޓީގައި ތިއްބަވަނީ 3 މެންބަރުންނެވެ. ކޮމިޓީއަށް ވަޑައިގެންނެވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޤަފޫރު މޫސާ އެވެ. ކޮމިޓީގެ މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަޑައިނުގެންނެވުނީ މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންންވަން ޖެހުމުގެ ސަބަބުންނެވެ. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ވަޑައިނުގަންނަވައެވެ.

މެންދުރު ފަހު 12:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލޫކު ކޮމިޓީ ކެންސަލްވެފައިވަނީ އެކޮމިޓީ ބޭއްވުމަށް ކުރިން ކަނޑައެޅިފައިވާ ކޮމިޓީކުރާ ކޮޓަރީގައި އެވަގުތު އެހެން ބައްދަލުވުމެއް ހިނގަމުން ދިއުމުގެ ސަބަބުންނެވެ.

މިއަދުގެ މެންދުރުފަހު 2:30 ން ފެށިގެން މިރޭގެ 8:45 އާ ހަމައަށް މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް މަޖިލީހުގެ އިދާރާގައި ކުރިއަށް ދާނެއެވެ.

ހެނދުނު ދަންފަޅީގައި ބޭއްވުނު ކޮމިޓީތަކަކީ 9:30 ގައި އިޤްތިސާދީ ކޮމިޓީ އާއި ޢާއްމު ކޮމިޓީ 10:00 ގައި މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީ B 11:15 ގައި އިޖްތިމާޢީ ކޮމިޓީ އާއި ޤައުމީ ސަލާމަތުގެ ކޮމިޓީ އާއި ޤައުމީ ތަރައްޤީގެ ކޮމިޓީ އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ބިލު ދިރާސާކުރައްވާ ކޮމިޓީ އާއި 12:30 ގައި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ސަބް ކޮމިޓީ އާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމުގެ ބިލު ދިރާސާ ކުރައްވާ ކޮމިޓީ އާއި، ޤައުމީ ޞިއްޙީ އިންޝުއަރެންސް އާ ބެހޭ ބިލު ދިރާސާ ކުރައްވާ ކޮމިޓީއެވެ.

މެންދުރުފަހުގެ ދަންފަޅީގައި 2:30 ގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ދިރާސާކުރައްވާ ކޮމިޓީ އާއި 2:45 ގައި ޕެޓިޝަން ކޮމިޓީ އާއި 4:00 ގައި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އަދި މިރޭ 8:30 ގައި ޕަބްލިކް އެންޓަޕްރައިސަސް ކޮމިޝަންގެ ބިލު ދިރާސާކުރައްވާ ކޮމިޓީ އަދި 8:45 ގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ގެ ބިލު ދިރާސާ ކުރައްވާ ކޮމިޓީ ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

30 ރަބީޢުލްއާޚިރު 1432

4 އޭޕްރީލް 2011