ވަޒީފާއާބެހޭ ޤާނޫނާއި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު މަޖިލީހުން ބަލައިގެންފި

ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފައިވަނީ 30 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ބަލައިގެންފައިވަނީ 54 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ (ށ) އާއި، 149 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގެ ދަށުން، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސް ނިންމަވާލާފައިވެއެވެ. އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ހުށަހަޅުއްވާފައިވާ، މުސާރައިގެ އޮނiގަނޑުގެ ޤަރާރުގެ އިބްތިދާއީ ބަހުސްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 4 އޭޕްރީލް 2011 ވާ ހޯމަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

25 ރަބީޢުލްއާޚިރު 1432

30 މާޗް 2011