މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981 އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

ތިމަރަފުށި ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ ހުށަޅުއްވާފައިވާ ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މި ބިލު ބަލައިގަންނަން ފާސްވީ 41 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. 23 މެންބަރަކު ބަލައިގަންނަން ނުފެންނަކަމަށް ވޯޓް ދެއްވާފައިވާއިރު އެއް މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ހުށަހަޅުއްވާފައިވާ އިޞްލާޙު، ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް އާ އެއްގޮތަށް ފާސްކުރައްވަން ނުފެންނަކަމަށް މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، 22 އޮކްޓޯބަރ 2008 ގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރގެ މަޤާމަށް ޢައްޔަންކޮށްފައިވާ، އަލްފާޟިލް ފަޒީލް ނަޖީބު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރުކަމުގެ މަޤާމުން ވަކިކުރުމާގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން، މަޖިލީހުގައި އިޢުލާންކޮށް، އެ މައްސަލަ  ދިރާސާކުރައްވައި، ގޮތެއް ނިންމެވުމަށް މާލިޔަތު ކޮމިޓީއަށް ފޮނުވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި، 21 މާޗް 2011 ވި ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާ 2 ބޭފުޅުންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން، މަޖިލީހުގައި އިޢުލާންކޮށް، އެ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވެއެވެ.

މީގެއިތުރުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ (ށ) އާއި، 149 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގެ ދަށުން، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސް ކުރިއަށްގެންގޮސްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 30 މާޗް 2011 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

24 ރަބީޢުލްއާޚިރު 1432

29 މާޗް 2011