ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ ޝެހެނާޒް އާދަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބޭއްވުނު މިމަޝްވަރާ ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުން ބިނާކުރުމުގެ ޕްލޭން އާ ގުޅޭގޮތުން މަޖިލީހުގެ ރައީސް މައުލޫމާތު އެރުވިއެވެ. އަދި މިއަހަރުގެ މެދުތެރޭގައި ފުރިހަމަ ކުރެވޭނެކަމަށް ލަފާކުރައްވާ މި ޕްލޭން ނިމުމުން ޕާކިސްތާން އިންސްޓިޓިއުޓް އޮފް ޕާލިމެންޓަރީ ސްޓަޑީސް ގެ އެހީތެރިކަން ހޯއްދެވުމަށް ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެދުވެރި ކުރައްވައި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ކަމާބެހޭ ބޭފުޅުންނަށް ހުށަހަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރީ ކަންކަން ހަރުދަނާކޮށް ތަރައްޤީކުރުމަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް މަޖިލީހުގެ ރައީސް އެކަމަނާއަށް އޮޅުންފިލުވައި ދެއްވިއެވެ.

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގެ ވާހަކަފުޅުގައި ޕާކިސްތާނުގައި ހިނގަމުންދާ ދިވެހިރާއްޖެއާ ގުޅުންހުރި ކަންކަން އޮޅުންފިލުވައިދެއްވިއެވެ. އަދި މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ކަންކަން ހިއްސާ ކުރައްވާނޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

22 ރަބީޢުލްއާޚިރު 1432

27 މާޗް 2011