ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަންނަން ނުފެންނަކަމަށް މަޖިލީހުން ނިންމައިފި

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަންނަން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

މިބިލު ބަލައިގަންނަން ވޯޓު ދެއްވާފައިވަނީ 16 މެންބަރުންނެވެ. ބަލައިގަންނަން ނުފެންނަކަމަށް 49 މެންބަރުން ވޯޓުދެއްވާފައިވާއިރު 3 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ތިމަރަފުށި ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު މުޞްޠަފާ ހުށަޅުއްވާފައިވާ ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދަރިވަރުންގެ ލޯނުގެ ބިލު، ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުން ކުރިއަށްގެންގޮސްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 28 މާޗް 2011 ވާ ހޯމަަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

18 ރަބީޢުލްއާޚިރު 1432

23 މާޗް 2011