ޔޫތް ޕާލިމެންޓްގެ ދެ ބައިވެރިޔަކު ކޮމަންވެލްތް ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެއްޖެ

ކޮމަންވެލްތް ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ.) އިން އިންތިޒާމްކުރައްވައިގެން 14 މާޗް 2011 ގައި އިނގިރޭސިވިލާތުގެ ވެސްމިންސްޓަރ ހައުސަސް އޮފް ޕާލިމެންޓްގައި ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގައި ޔޫތް ޕާލިމެންޓް ޕްރޮގްރާމްގެ ދެ ބައިވެރިޔަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ބައިވެރިވެއްޖެއެވެ.

މިޕްރޮގްރާމްތަކުގައި ބައިވެރިވި ޔޫތް ޕާލިމެންޓް ޕްރޮގްރާމްގެ ދެ ބައިވެރިންނަކީ ފުރުޤާން ފަވާޒް އާއި ފާތުމަތު ނަޒީހާ އެވެ. މަޖިލީހުގެ އިދާރާގެ ފަރާތުން ބައިވެރިވެވަޑައިގަތީ ހެޑް ފޮރިން ރިލޭޝަންސް އެންޑް ޕްރޮޓޮކޯލް ޝަޒްރާ އަބްދުއްސައްތާރު އެވެ. މިޕްރޮގްރާމްގެ މިއަހަރުގެ ޝިއާރަކީ “ވިމެން އޭޒް އޭޖެންޓްސް އޮފް ޗޭންޖް” އެވެ.

މިޕްރޮގްރާމްގައި ބައިވެރިވި ފާތުމަތު ނަޒީހާ ވިދާޅުވީ މި ދަތުރުގެ ސަބަބުން ވަރަށް ގިނަ މައުލޫމާތު ލިބިގެންދިޔަކަމަށެވެ. އަދި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

“މިޕްރޮގްރާމްގެ ސަބަބުން ބައިވަރު ޤައުމުތަކުގެ ކުދިންނާ ބައްދަލުވެއްޖެ،” ފާތުމަތު ނަޒީހާ ވިދާޅުވިއެވެ. “އަދި މީހުންގެ ތެރޭގައި އުޅޭނެގޮތާއި ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ. މިފަދަ ފުރުޞަތެއް ދެއްވީތީ މަޖިލީހުގެ ރައީސް އަށާއި އަމީން ޢާންމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.”

ޔޫތް ޕާލިމެންޓް ޕްރޮގްރާމް އަކީ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން 2010 ވަނަ އަހަރު ބޭއްވި ޕްރޮގްރާމެކެވެ.

ޔޫތް ލީޑަރޝިޕް 2010 ގެ ދެބައިވެރިން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުންނެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މަޖިލީހުގެ އިދާރާއިން މީގެ ކުރިން ދެއްވަމުން ގެންދެވީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން މެދުވެރިކުރައްވައި އިނގިރޭސިވިލާތުގައި ކިޔަވާވިދާޅުވާ 2 ދަރިވަރަކަށެވެ.

ޔޫތް ލީޑަރޝިޕް 2010 ގެ ދެބައިވެރިން މި ފުރުޞަތު ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 3 މުވައްޒަފަކާއި ޑިމޮކްރަސީ ހައުސްގެ ބޭފުޅެއް ހިމެނޭ ޕެނަލަކުން ޖުމްލަ 37 ބައިވެރިންގެ މެދުގައި ގުރުއަތުލައިގެންނެވެ. އެހެންނަމަވެސް، އަންނަ އަހަރުން ފެށިގެން މިފުރުޞަތު ދެއްވުމަށް ހަމަޖެހިފައިވަނީ ޔޫތް ޕާލިމެންޓްގެ އެންމެ ރަނގަޅު 2 ދަރިވަރަކަށެވެ.

ކޮމަންވެލްތް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ހަފްލާއާއި 14 މާޗް ވަނަ ދުވަހުގެ ރޭ ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ދެއްވި ރަސްމީ ފަރިއްކޮޅުގައި ހެޑް އޮފް ކޮމަންވެލްތް ހަރ މެޖެސްޓީ ދަ ކުއީން ބައިވެރިވެވަޑައިގެންނެވިއެވެ.

މިޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ވަނީ ޕާލިމެންޓް ހައުސް އާއި ލަންޑަން ބަލާލުމުގެ ޓުއަރ އެއް ދެއްވާފައެވެ. އަދި ބައިވެރިންނަށް ހަނދާނީ ލިޔުން ސީ.ޕީ.އޭ. ގެ ފަރާތުން ދެއްވާފައިވެއެވެ.

15 ރަބީޢުލްއާޚިރު 1432

20 މާޗް 2011