ނަން އިއްވި ދެ މެންބަރަކު ޖަލްސާ ދޫކުރައްވައި ނުނިކުންނެވުމުން ޖަލްސާ މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ރިޔާސަތުން ނަން އިއްވާފައިވާ ތުޅާދޫ ދާއިރާގެ މެންބަރު އަލްފާޟިލް ނާޒިމް ރަޝާދު އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު އީސާ ޖަލްސާއިން ނުނިކުންނެވުމުން ޖަލްސާ މެދުކަނޑާލައިފިއެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަސައްކަތުގެ ދާއިރާއަށް ބައެއް ބަދަލު ގެންނަވާފައިވާތީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އެމަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމުގެ މައްސަލައަށް ބަހުސް ކޮށްފައިވެއެވެ. އަދި ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމާލައި    ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ ހުށަޅުއްވާފައިވާ ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 16 މާޗް 2011 ވާ ބުދަ ދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

10 ރަބީޢުލްއާޚިރު 1432

15 މާޗް 2011