ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބިލު އިތުރަށް ދިރާސާކުރެއްވުމަށް ކޮމިޓީއަށް އަލުން ފޮނުވުމަށް މަޖލީހުން ނިންމަވައިފި

މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވުނު ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބިލު، އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ އަށް މިއަދު ބަހުސް ކުރައްވައި، އިތުރަށް ދިރާސާކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއަށް ފޮނުވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ކެލާ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުލްޣަފޫރު މޫސާ ތާއީދުކުރެއްވިގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުން ފާސްކުރެއްވީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ޖުމްލަ 67 މެންބަރުންގެ ތެރެއިން 65 މެންބަރުން ގެ އަޤްލަބިއްޔަތުންނެވެ. މިހުށަހެޅުމާއި ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މިބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައ ޖަލްސާގެ ނިޒާމް ގެއްލުވާލެއްވުމުން، މާފަންނު ދެކުނުދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހިމް ރަޝީދުގެ ނަން އިއްވަވާފައިވެއެވެ. އަދި ޖަލްސާ އިން ނިކުންނަވަން އެންގެވުމުން ވެސް ޖަލްސާ އިން ނުނިކުންނެވުމުން، ހެނދުނު ދަންފަޅީގެ ޖަލްސާ ރިޔާސަތުން މެދުކަނޑާލެއްވިއެވެ. ދެން ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ މެންދުރު ދަންފަޅީގައެވެ.

މިއަދުގެ ޖަލްސާގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލްފާޟިލް ޝިފާޤް މުފީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖެގޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ވެސް މިއަދު ފާސްކުރައްވާފައިވެއެވެ. މި ބިލު ފާސްކުރެއްވީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ޖުމްލަ 67 މެންބަރުންގެ ތެރެއިން 53 މެންބަރުން ގެ އަޤްލަބިއްޔަތުންނެވެ. މި ބިލު ފާސްކުރެއްވުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާއިރު 11 މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކު ހުށަހަޅުއްވައި ބިލަތްދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ޙަމްޒާ ތާއީދުކުރެއްވިގޮތަށް ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ މާލިއްޔާގެ ރިޒަރވް ކަނޑައެޅުމާބެހޭ ކަންކަން ނިންމަންވާނީ އެކަމަށްޓަކައި އެކުލަވާލެވޭ ޤާނޫނެއްގެ ދަށުންކަމުގައިވެސް ޖަލްސާގައި ފާސްކުރެވުނެވެ. މި ހުށަހެޅުން ފާސްކުރެއްވީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ޖުމްލަ 67 މެންބަރުންގެ ތެރެއިން 35 މެންބަރުން ގެ އަޤްލަބިއްޔަތުންނެވެ. މިހުށަހެޅުމާއި ދެކޮޅަށް 30 މެންބަރަކު ވޯޓު ދެއްވާފައި ވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމާލާފައިވެއެވެ. އަދި    ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދެވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 15 މާޗް 2011 ވާ އަންގާރަ ދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

9 ރަބީޢުލްއާޚިރު 1432

14 މާޗް 2011