ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ފިލިޕީންސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ މރ. ބަހްނަރިމް އޭ. ގުއިނޮމްލާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ފިލިޕީންސްގެ ސަފީރަށް މަރުހަބާ ދަންނަވައި، ކުރެއްވި ޒިޔާރަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފިލިޕީންސް އާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ ގާތްގުޅުމެއް އޮތްކަން ފާހަގަކުރައްވައި، އެގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތައް ބަޔާންކޮށްދެއްވިއެވެ. އަދި ދެ ޤައުމަކީ ވަރަށް އެއްގޮތް ސިފަތަކެއް ހުރި ދެ ޤައުމުކަމަށާއި، ވަކިން ޚާއްސަގޮތެއްގައި ބައިނަލްއަޤްވާމީ މަޝްރަހުގައި ތިމާވެއްޓާއި އިޤްތިޞާދީ އަދި ސެކިއުރިޓީގެ ދާއިރާތަކުން މި ދެޤައުމު މަސައްކަތްތަކެއް ކޮށްފައިވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވިގޮތުގައި ދެގައުމުގެ ދެމެދުގައި މިއޮތް ގާތް ގުޅުމުގެ ސަބަބުން ދެޤައުމަށްވެސް އެކިގޮތްގޮތުން އަންނަނީ ފައިދާ ކުރަމުންނެވެ. މިގޮތުން ފިލިޕީންސްގެ ރައްޔިތުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާކަން ފާހަގަކުރައްވައި ގިނަ ދިވެހިން އެކި ދާއިރާތަކުން ފިލިޕީންސް އިން ތަމްރީން ހޯދަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

5 ރަބީޢުލްއާޚިރު 1432

10 މާޗް 2011