ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު އިތުރަށް ދިރާސާކުރެއްވުމަށް ކޮމިޓީއަށް އަލުން ފޮނުވުމަށް މަޖލީހުން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު އަލުން ވިސްނެވުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ އަށް މިއަދު ބަހުސް ކުރައްވައި، އިތުރަށް ދިރާސާކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރާ ވަގުތީ ކޮމިޓީ އަށް ފޮނުވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކު ހުށަހަޅުއްވައި ވިލުފުށީ ދާއިރާގެ މެންބަރު އަލްފާޟިލް ރިޔާޒް ރަޝީދު ތާއީދުކުރެއްވިގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރާ ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުން ފާސްކުރެއްވީ ވޯޓުގައި ބައިވެރިވި ޖުމްލަ 69 މެންބަރުންގެ ތެރެއިން 40 މެންބަރުން ގެ އަޤްލަބިއްޔަތުންނެވެ. މި ބިލު އިތުރަށް ދިރާސާކުރެއްވުމަށް ފޮނުވުމާ ދެކޮޅަށް 27 މެންބަރަކު ވޯޓު ދެއްވާފައިވާއިރު 2 މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މީގެއިތުރުން މިހިނގާ މާޗް މަހު 4 ވީ ހުކުރު ދުވަހު ހަވީރު މާލޭގެ ހިތްފަސޭހަމައިދާނުގައި ތިން މީހެއްގެ ގަޔަށް ގަސްތުގައި ވަޅިހަރައި ލޭއޮހޮރުވާލައި ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަންވެސް މަޖިލީހުން މިއަދު ފާސްކުރައްވާފައިވެއެވެ. މި ކުއްލި މައްސަލައަކީ ކުށްކުރުން މަދުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމާ ބެހޭބިލާއި ހެއްކާބެހޭ ބިލް ކޮމެޓީ މަރުހަލާ ނިންމައި ވީ އެންމެ އަވަހަކަށް މަޖިލީހުގެ ތަޅުމަށް ގެނައުމަށް މަޖިލީހުގެ ރައީސް އަށާއި އެންމެހައި އިޢްޒަތްތެރި މެންބަރުންނަށް ގޮވާލައި، މާރާމާރި އާއި ކުށްކުރުން ހުއްޓުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ދައުލަތުގެ ބާރުތަކުން ގުޅިގެން ކުރުމަށް އިލްތިމާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 145 ވަނަ މާއްދާގެ (ށ) ދަށުންނާއި، އެ ޤަވާއިދުގެ 149 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ އެކެވެ.

މި މައްސަލަ ބަލައިގަންނަން ފެންނަކަމަށް ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވި 53 މެންބަރުންގެ ތެރެއިން 48 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. ބަލައިގަންނަން ނުފެންނަކަމަށް 2 މެންބަރަކު ވޯޓު ދެއްވާފައިވާއިރު 3 މެންބަރަކު ވަކފަރާތަކަށް ވޯޓު ދެއްވާފައެއްނުވެއެވެ.

މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފައްޓަވާފައިވެއެވެ. އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވާލައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 9 މާޗް 2011 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

3 ރަބީޢުލްއާޚިރު 1432

8 މާޗް 2011