ރިޔާސީ ބަޔާނަށް ޖަވާބުއެރުވުން 16 މާޗް 2011 ވާ ބުދަ ދުވަހު އޮންނާނެ

3 މާޗް 2011 ވީ ބުރާސްފަތި ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު އެރުވުން 16 މާޗް 2011 ވާ ބުދަ ދުވަހު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި އޮންނާނެކަން މަޖިލީހުގެ މެންބަރުންގެ މައުލޫމާތަށްޓަކައި މަޖިލީހުގެ ރައީސް މިއަދު އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރު، ނުވަތަ މައިނޯރިޓީ ލީޑަރ) ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާން އަށް އަރުވާނެ ޖަވާބެއް ތައްޔާރުކުރައްވައި އެޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި، ރިޔާސީ ބަޔާނަށް އަރުވާ ޖަވާބުގެ ގޮތުގައި އިއްވަވަން ވާނެއެވެ.

މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ބ) ގައިވާގޮތުން ރިޔާސީ ބަޔާނަށް އަރުވާ ޖަވާބު ރިޔާސީ ބަޔާން އިއްވަވާތާ 14 ދުވަހުގެ ތެރޭގައި ދެއްވަން ވާނެއެވެ.

1 ރަބީޢުލްއާޚިރު 1432

6 މާޗް 2011