ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާދެއްވައިފި

މިއަދު ހެނދުނު 10 ޖެހިއިރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ރިޔާސީ ބަޔާން އިއްވަވާދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގެއަށް ވެދެވަޑައިގަތުމުން އެމަނިކުފާނަށާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ލައިލާ އަލީއަށް މަރުޙަބާ ވިދާޅުވެ އިސްތިޤްބާލް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙުމަދު މުޙައްމަދު އެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރައްޔިތުންގެ މަޖިލިސްކުރާގެއަށް ވެދެވަޑައިގަތުމުގެ ކުރިން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ފަރާތުން ޝަރަފުގެ ގާޑު ރިޔާސީ ކުރުނީސް އެރުވުން އޮތެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުން، ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި، އިތުރަށް ރަނގަޅުކުރުމަށްޓަކައި ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވިއެވެ. އަދި 2010 ވަނަ އަހަރު އެމަނިކުފާނު މަޖިލީހަށް ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި ސަރުކާރުން 2010 ވަނަ އަހަރަށް ކުރައްވަން ނިންމަވާފައިވާ ގިނަ ކަންތައްތަކެއް އަމާޒުތަކަށް ވާޞިލުކުރެއްވިފައިވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ޤައުމުގެ ސިޔާސީ، އިޖްތިމާއީ އަދި އިޤްތިޞާދީ ހާލަތަށް ބައްލަވައި ލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިދިޔަ އަހަރުގެ ތެރޭގައި ޓެކްސް ނިޒާމާގުޅޭ އިދާރީ ކަންކަން ހިންގުމަށްޓަކައި އެކުލަވާލެވުނު ބިލާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލާއި، އަދި ފަތުރުވެރިކަމުން ނެގޭ ޓެކްސް އިޞްލާޙު ކުރުމަށްޓަކައި ހުށަހެޅުނު “ޓޫރިސްޓް ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް” ރައްޔިތުންގެ މަޖިލީހުން ނިންމަވައިދެއްވިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ޤާނޫނު ވަރަށް ފުރިހަމައަށް ފާސްކޮށްދެއްވިކަމަށްޓަކައިވެސް މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު އިޞްލާޙުކޮށް މިދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް އަލުން ވިސްނެވުމަށް މަޖިލީހަށް އަނބުރާ ފޮނުއްވީ އެބިލަށް އިތުރު ފުރިހަމަ ކަމެއް ގެނެވެން އޮތްކަމަށް ޤަބޫލުކުރެއްވޭތީ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ފަނޑިޔާރުންގެ ޤާނޫނު ފާސްކޮށް، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދާއިމީ ސުޕްރީމް ކޯޓު ޤާއިމުކުރެވުނުކަމީ ޑިމޮކްރަސީ ހަރުލެއްވުމުގެ އެންމެ މުހިންމު ބިންގަލެވެ.

ރިޔާސީ ބަޔާން ނިންމަވާލެއްވުމުގެ ކުރީން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ސަރުކާރަށް ފޯރުވައިދެއްވާފައިވާ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ރައްޔިތުންގެ ލާބައާއި މަންފާ ހިމެނޭ ހުރިހާކަމެއްގައި ސަރުކާރަށް އެއްބާރުލުން ދެއްވުމުގެ މުޅިން އާ ޒަމާނެއް ފަށްޓަވައިދެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ރިޔާސީ ބަޔާން އިއްވަވާދެއްވުމުން މަޖިލީހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މަޖިލީހުގެ ތަރައްޤީއަށްޓަކައި ގެންނަން ފެނިވަޑާއިގަންނަވާ ބައެއް ކަންތައްތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. މިގޮތުން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރެއްވުމުގެ މަސައްކަތާއި މަޖިލީހުގެ އިދާރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރެއްވުމަށް މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ފެއްޓެވުމަށް ގަސްދުކުރައްވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ވެއެތުވެދިޔަ އަހަރަކީ މަޖިލީހުގެ މަސައްކަތުގައި ކާމިޔާބު އަހަރެއްކަމުގައި ވިދާޅުވެ އެކަމަށްޓަކައި މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަހަރަކީވެސް އެފަދަ ކާމިޔާބީތަކެއް ހާސިލްކުރެވިގެންދާނެ އަހަރަކަށް ހެއްދެވުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކޮށްދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 8 މާޗް 2011 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

28 ރަބީޢުލްއައްވަލް 1432

3 މާޗް 2011