ޔޫތް ޕާލިމެންޓް ޕްރޮގްރާމްގެ ދެ ބައިވެރިއަކަށް ކޮމަންވެލްތް ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ދިޔުމުގެ ފުރުޞަތު ދެއްވައިފި

އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން 2010 ވަނަ އަހަރު ބޭއްވި ޔޫތް ޕާލިމެންޓް ޕްރޮގްރާމްގައި ބައިވެރިވި ދެ ދަރިވަރަކަށް ކޮމަންވެލްތް ދުވަސް ފާހަގަކުރުމަށް ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ.) އިން އިންތިޒާމްކުރައްވައިގެން ބާއްވަވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ދިޔުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުން ދެއްވައިފިއެވެ.

ކޮމަންވެލްތް ދުވަސް ފާހަގަކުރުމުގެ ގޮތުން 14 މާޗް 2011 ގައި އިނގިރޭސިވިލާތުގެ ވެސްމިންސްޓަރ ހައުސަސް އޮފް ޕާލިމެންޓްގައި ކުރިއަށްގެންދާ މިޕްރޮގްރާމްގެ މިއަހަރުގެ ޝިއާރަކީ “ވިމެން އޭޒް އޭޖެންޓް އޮފް ޗޭންޖް” އެވެ.

ޔޫތް ލީޑަރޝިޕް 2010 ގެ ދެބައިވެރިން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 3 މުވައްޒަފަކާއި ޑިމޮކްރަސީ ހައުސްގެ ބޭފުޅެއް ހިމެނޭ ޕެނަލަކުން ޖުމްލަ 37 ބައިވެރިންގެ މެދުގައި ގުރުއަތުލައިގެންނެވެ. އެހެންނަމަވެސް، އަންނަ އަހަރުން ފެށިގެން މިފުރުޞަތު ދެއްވުމަށް ހަމަޖެހިފައިވަނީ ޔޫތް ޕާލިމެންޓްގެ އެންމެ ރަނގަޅު 2 ދަރިވަރަކަށެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މަޖިލީހުގެ އިދާރާއިން މީގެ ކުރިން ދެއްވަމުން ގެންދެވީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން މެދުވެރިކުރައްވައި އިނގިރޭސިވިލާތުގައި ކިޔަވާވިދާޅުވާ 2 ދަރިވަރަކަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ދެ ދަރިވަރަކަށް ސީ.ޕީ.އޭ. އިން ދެއްވާ ޚަރަދަކީ އެއްރޭ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުރުމުގެ ޚަރަދެވެ.

ކޮމަންވެލްތް ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވަވާ ރަސްމީ ހަފްލާއާއި 14 މާޗް ވަނަ ދުވަހުގެ ރޭ ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ދެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ފަރިއްކޮޅަކީ ހެޑް އޮފް ކޮމަންވެލްތް ހަރ މެޖެސްޓީ ދަ ކުއީން ވެސް ބައިވެރިވެވަޑައިގަންނަވާ 2 ހަފްލާއެވެ.

19 ރަބީޢުލްއައްވަލް 1432

22 ފެބްރުއަރީ 2011