2011 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ 3 މާޗް 2011 ވާ ބުރާސްފަތި ދުވަހު އޮންނާނެ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 83 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެ މަތިން 2011 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މާޗް މަހުގެ 3 ވާ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮންނާނެއެވެ.

ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވަނީ ކޮންމެ އަހަރަކުމެ ރައްޔިތުންގެ މަޖިލީހުގެ 3 ދައުރު އޮންނަންވާނެ ކަމަށާއި މިއިން ކޮންމެ ދައުރެއްމެ ފަށާ ދުވަހާއި ނިންމާ ދުވަސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅައިފައި އޮންނަންވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައި ވަނީ މިގަވާއިދުގައި އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު ނުވަތަ އެހެންގޮތަކަށް މަޖިލީހުން ކަނޑަނާޅާހާ ހިނދަކު، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) ގައި ކޮންމެ ދައުރެއްގެވެސް ފުރަތަމަ ޖަލްސާ ބާއްވާނީ އެ ދައުރެއް ފެށޭ ތާރީޚާ ވިދިގެން އަންނަ ފުރަތަމަ ހޯމަ، ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން 2011 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ 3 މާޗް 2011 ވާ ބުރާސްފަތި ދުވަހު އެވެ. އެދުވަހުގެ ޖަލްސާގައި ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޤައުމުގެ ޙާލަތު ބަޔާން ކޮށްދެއްވައި އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާން އެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވެވުން އޮންނާނެއެވެ.

އެދުވަހުގެ ޖަލްސާ ފެށޭނީ ހެނދުނު 10:00 ގައެވެ.

17 ރަބީޢުލްއައްވަލް 1432

20 ފެބްރުއަރީ 2011