”ގޯލްޑަން ޓިކެޓް“ ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްލަވައިގަންނަވައިފި

ސާފް ޗެމްޕިއަންޝިޕް 2009ގައި ބައިވެރިވާ ދިވެހި ފުޓްބޯޅަޓީމު ނޮވެމްބަރު 21 ވަނަ ދުވަހުގެ ރޭ 8:30 ގައި ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ސައުތު ކޮރެއާގެ އުލްސާން ފުޓްބޯޅަ ކްލަބްއާއިއެކު ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ”ގޯލްޑަން ޓިކެޓް“ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ބައްލަވައިގެންފިއެވެ. މަޖިލީހުގެ ރައީސް ގޯލްޑަން ޓިކެޓްގެ 2 ޓިކެޓް ބައްލަވައިގަތީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސް، ޔޫތް، އެންޑް ސްޕޯރޓްސްގެ ފަރާތުން އެމަނިކުފާނަށް ޓިކެޓް ބައްލަވައި ގަތުމަށް ދަޢުވަތު ދެއްވުމަށް މިއަދު މަޖިލިސްކުރާގޭގައި ބޭއްވުނު ބައްދަލު ކުރެއްވުމުގައެވެ. މިނިސްޓްރީގެ ފަރާތުން ވަޑައިގެންނެވި ޓީމްގައި ހިމެނިވަޑައިގަތީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ރަޝީދާއި، ސާފް ޗެމްޕިއަންޝިޕް އަދި ސާފްގޭމްސް ގެ ސްޕޯކްސް ޕާރސަން މުޙަންމަދު ރަޝީދު ހުސެއިން އާއި ޤައުމީ ފުޓްބޯޅަ ޓީމުގެ ބައެއްކުޅުންތެރިންނެވެ.

ގޯލްޑަން ޓިކެޓް ބައްލަވައިގަތުމަކީ މަޖިލީހުގެ ރައީސްއަށް ލިބިވަޑައިގެންނަވާ ޚާއްޞަ އުފަލެއްކަމަށާއި، ސާފް ޗެމްޕިއަންޝިޕް 2009 އާއި ސާފް ގޭމްސްއަށް ފައިސާ ހޯއްދެވުމުގެ ގޮތުން މިނިސްޓްރީން ކުރައްވަވާ ޓިކެޓްވިއްކުމުގެ މަސައްކަތަށް މަޖިލީހުގެ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގައި މަޖިލީހުގެ ރައީސް މިއަދު ވިދާޅުވިއެވެ. އަދި ހުރިހާ ވެރިންގެ އުއްމީދަކީ މިދިޔައަހަރެކޭ އެއްގޮތަށް ޤައުމީ ފުޓްބޯޅަ ޓީމުން މިއަހަރުވެސް ދިވެހިން ފަޚުރުވެރިވާނެ ކާމިޔާބެއް ޚާސިލްކޮށް ދެއްވުންކަމުގައި ބަޔާން ކުރައްވަވައި މަޖިލީހުގެ ރައީސް ޤައުމީ ޓީމަށް ހިތްވަރުދެއްވިއެވެ.