ސީ.ޕީ.އޭ. ގެ 3 ވަނަ ރީޖަނަލް ކޮންފަރެންސް 2011 ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ވަފުދު ފުރާވަޑައިގެންފި

ކޮމަންވެލްތު ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާ ނުވަތަ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީ.ޕީ.އޭ.) ގެ 3 ވަނަ ރީޖަނަލް ކޮންފަރެންސް 2011 ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް މިއަދު މާލޭން ފުރާވަޑައިގަންނަވައިފި އެވެ.

ސްރީލަންކާގެ ކޮލަންބޯގައި މި ފެބްރުއަރީ މަހު 10 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މަޖިލީހުގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ. އެމަނިކުފާނުގެ އިތުރުން ވަފުދުގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކް އާއި ކިނބިދޫ ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ ޒަމީރު އާއި މަތިވެރި ދާއިރާގެ މެންބަރު އަލްފާޟިލް ޙުސައިން މުޙައްމަދު އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދު އަދި ފޮރިން ރިލޭޝަންސް އޮފިސަރ ޒުއްޔިނާ ބަދުރީ އެވެ.

1948 ވަނަ އަހަރު އުފެދުނު ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީ.ޕީ.އޭ.) ގައި 2000 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ބައިވެރިވިފަހުން، އެ ޖަމްޢިއްޔާގެ ޙަރަކާތްތަކުގައި ރައްޔިތުންގެ މަޖިލިސް އަންނަނީ ބައިވެރިވަމުންނެވެ.

08 ރަބީޢުލްއައްވަލް 1432
11 ފެބްރުއަރީ 2011