ދުނިޔޭގެ ޤައުމުތަކުގެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީތަކުގެ މެންބަރުންނަށް އަމާޒުކޮށްގެން އޮސްޓްރޭލިޔާގެ އެލްޕްރެޑް ޑީކިން ރީސާޗް އިންސްޓިޓިއުޓްގެ ޕާލިމެންޓްރީ ލީޑަރޝިޕް އެންޑް ގަވަރނަންސް ގްރޫޕް އިން ބާއްވާ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 3 މެންބަރަކު ބައިވެރިވެ ވަޑައިގަންނަވަމުން އެބަގެންދަވަ އެވެ.
މި ފެބްރުއަރީ މަހުގެ 6 އިން 13 އަށް އޮސްޓްރޭލިޔާގެ މެލްބަން ގައި ބާއްވާ މި ޕްރޮގްރާމްގައި އޮސްޓްރޭލިޔާގެ ވިކްޓޯރިއާގެ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކޮށް، އެމަޖިލީހުގައި މާލިއްޔަތު ކޮމިޓީގެ މަސައްކަތްތައް ކުރާގޮތް ބައްލަވައި، ވިކްޓޯރީއާގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާއި ގުޅޭ ޕްރެޒެންޓޭޝަނެއްގައި މެންބަރުން ބައިވެރިވެވަޑައި ގެންނެވި އެވެ.
މާލިއްޔަތު ކޮމިޓީގެ މެންބަރުންގެ މިދަތުރުފުޅުގައި ދައުލަތުގެ ބަޖެޓް އަސާސް ތަކަށާއި، ބަޖެޓް ދިރާސާކުރާ ފަރާތެއްގެ ހައިސިއްޔަތުން މާލިއްޔަތު ކޮމިޓީ އަދާކުރަންޖެހޭ ދައުރާއި، މާލިއްޔަތު ކޮމިޓީއާއި އޮޑިޓަރ ޖެނެރަލް އާއި އޮންނަންޖެހޭ ގުޅުންތަކާއި، އޮޑިޓަރ ޖެނެރަލް ހުށަހަޅާ ރިޕޯޓްތައް ދިރާސާކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގެ ތަޖްރިބާކާރުންގެ ލެކްޗަރތަކުގައި ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މާލިއްޔަތު ކޮމިޓީގެ 3 މެންބަރުން ކަމަށްވާ ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙު މުޙައްމަދު އަދިި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާއަކީ އޮސްޓްރޭލިޔާގެ ސަރުކާރާއި އޮސްއެއިޑް އާއި ވޯރލްޑް ބޭންކް އިންސްޓިޓިއުޓް އާއި ކޮމަންވެލްތް ޕާލިމެންޓްރީ އެސޯސިއޭޝަން އަދި ސެންޓްރ ފޯރ ޑިމޮކްރެޓިކް އިންސްޓިޓިއުޓްސް އިން އިންތިޒާމް ކޮށްފައިވާ ޕްރޮގްރާމް އެކެވެ.
6 ރަބީޢުލްއައްވަލް 1432
09 ފެބްރުއަރީ 2011