ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި (4 ޖެނުއަރީ 2011)

ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މރ. އަޚްތަރު އަލީ ސުލެހްރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީސް ކުރާގޭގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ސަފީރު ވަނީ ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެދި ސެނެޓްގެ ޗެއަރމަން ފޮނުއްވިި ދައުވަތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް އަރުވާފަ އެވެ.

ރައްޔިތުންގެ މަޖިލީސް ކުރާގޭގެ އިމާރާތަކީވެސް ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދުގައިވާ ބަދަހިގުޅުން ހާމަކޮށްދޭ ރަމްޒެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެ، ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއާ މެދު ބާއްވަވަމުންގެންދަވާ ގާތްގުޅުމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮޅުންފިލުވައި ދެއްވިގޮތުގައި ނިމިގެންދިޔަ އަހަރަކީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚްގައިވެސް އެންމެ ގިނަ އަދަދަކަށް ބިލު ފާސްކުރެވުނު އަހަރެވެ. މިގޮތުން ޖުމްލަ 42 ބިލު ފާސްކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިވާހަކަތަކުގެ އިތުރުން ކުރިއަށް އޮތް އަތޮޅު ކައުންސިލް އިންތިޚާބާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.