ނޫސްބަޔާން (30.12.2010)

29 ޑިސެމްބަރ 2010 ވަނަ ދުވަހުގެ ހަވީރު ނޫހުގައި އެމް.އެން.ބީ.ސީއަށް ބަޖެޓުން ފައިސާ ނުދިނުމުގެ ރިކޮމެންޑޭޝަނަށް ވޯޓަށް ނޭއްސެވީ އަމީން ޢާންމުގެ ލަފަޔާ ޚިލާފަށް ކަމުގައި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިކަމަށް ލިޔުއްވާފައިވާ ޚަބަރާ ގުޅޭ ގޮތުން ދަންނަވަމެވެ.

2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީން ފުރިހަމަ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް މެންބަރުން ހުށަހެޅުއްވި އިޞްލާޙްތަކުގެ ތެރެއިން ވޯޓަށް އެހޭނެ އިޞްލާޙް ތަކާބެހޭ ގޮތުން މަޖިލީހުގެ ނައިބު ރައިސާއި މަޝްވަރާ ކުރެވުނެވެ. އެގޮތުން ކުރެވުނު މަޝްވަރާގައި އެމް.އެން،ބީ.ސީއަށް ބަޖެޓުން ފައިސާ ނުދިނުމަށް ގަމުދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު ހުށަހެޅުއްވި އިޞްލާހަކީ ބަޖެޓުގައި ހިމެނިފައިނެތްކަމަކަށް ހުށަހެޅިފައިވާ އިޞްލާހެއް ކަމުގައި ނައިބު ރައީސް އަރިހުގައިވާނީ ދެންނެވިފައެވެ. ނަމަވެސް ބަޖެޓްގައި ހިމެނިފައި ނެތީސް ސަރުކާރުން އެކަން އެބަކުރައްވާ ކަމަށާއި އެހެންކަމުން އެކަން ހުއްޓުވޭނެގޮތެއް ހަމަޖައްސަންޖެހޭ ކަމަށްވިދާޅުވެ އެ އިޞްލާޙަށް ވޯޓަށް އެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައި މަޖިލީހުގެ ނައިބު ރައީސްވަނީ ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސް ވޯޓަށް އެއްސެވިދާނެކަމަށް ދެކެވަޑައިގެން ފާހަގަކުރެއްވި އިސްލާޙްތަކާއި ވޯޓަށް އެއްސެވިދާނެކަމަށް ދެކެވަޑައިނުގެން ފާހަގަކުރެއްވި އިޞްލާޙްތަކެއްވެއެވެ. ނައިބު ރައީސް ދެއްވި މަޝްވަރާއާއެކު މަޖިލީހުގެ ރައީސްއަރިހަށް އެ އިޞްލާޙްތައް ގެންގޮސް އެމް.އެން،ބީ.ސީގެ އިޞްލާހާ ބެހޭ ގޮތުން އިތުރަށް މަޖިލީހުގެ ރައީސާއި މަޝްވަރާ ކުރެވުނެވެ. އެ މަޝްވަރާގެ އަލީގައި ކުރިންވެސް އެމް.އެން،ބީ.ސީއަށް ފައިސާ ދިނުމަށް ބަޖެޓް ކުރެވިފައިނުވާކަމަށް މަޖިލީހުގެ ނައިބު ރައީސަށް ދެންނެވުނުފަދައިން މަޖިލީހުގެ ރައީސަށްވެސް ދަންނަވައި އެ އިޞްލާޙަށް ވޯޓަށް ނޭހޭނެކަމުގައި އެއްބަސްވެވުނެވެ. އަދި މިވާހަކަ މަޖިލީހުގެ ރައީސްވަނީ މަޖިލީހުގެ ނައިބު ރައީސް އަރިހުގައި ވެސްް ދަންނަވާފައެވެ.

އެހެންކަމުން މަޖިލީހުގެ ރައީސް މިކަމުގައި ޢަމަލު ކުރައްވާފައިވަނީ އަޅުގަނޑު ލަފައާއި މަޝްވަރާއާއި އެއްގޮތަށްކަމުގައި ދަންނަވަމެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައިސަށް އެކިކަންކަމުގައި އަޅުގަނޑު އަރުވަމުންގެންދާ ލަފައާއި މަޝްވަރާއަކީ އެހުށަހެޅޭ ކަމެއްގައި ޤާނޫނީ ނަޒަރަކުން އަޅުގަނޑުގެ ވިސްނުން ހުރިގޮތެއްގެ މައްޗަށް ބިނާކޮށް އަރުވާ ލަފައެއް ނުވަތަ މަޝްވަރާއެއް ކަމުގައި ދަންނަވަމެވެ. އެލަފާ ނުވަތަ މަޝްވަރާއަކީ އެއާ އެއްގޮތަށް ޢަމަލު ކުރުން މަޖިލީހުގެ ރައީސްގެ މައްޗަށްވެސް އަދި ނައިބު ރައީސްގެ މައްޗަށްވެސް ލާޒިމުކުރުވާނެ ލަފައެއް ނުވަތަ މަޝްވަރާއެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. އަދި މިގޮތުން އަރުވާ ލަފައެއް ނުވަތަ މަޝްވަރާއަކާމެދު ޚިޔާލު ތަފާތުވުންއުފެދޭ ކަންކަމުގައި އެކަންކަން އިތުރުފަރާތްތަކަށް ހާމަވެގެންދިއުމަކީ އެންމެ ރަގަޅުގޮތްކަމުގައި އަޅުގަނޑު ނުދެކޭވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.

އަޙުމަދު މުޙަންމަދު
ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމު

24 މުޙައްރަމް 1432
30 ޑިސެމްބަރ 2010