މިއަދު 30 ޑިސެމްބަރ 2010 ވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީސް ކުރާގޭ ކައިރިއަށް ބަޔަކު އެއްވެ، މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެން މަޖިލިސްކުރާ ގެއަށް ވެދެވަޑައިގަތުމަށް ހުރަސްއަޅުއްވައި، ބައެއް މެންބަރުންނަށް ޖިސްމާނީ އެކިއެކި އަނިޔާ ދެއްވި ދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރި ކުރަމެވެ.
ޑިމޮކްރަސީއެއްގައި ޚިޔާލުތަފާތުވުން އުފެދުމަކީ އޮންނަންޖެހޭކަމެކެވެ. އަދި ޝުޢޫރު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ކަމެއް ކަމުގައިވިޔަސް ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ހުތުރުބަސްތަކުން ޝުޢޫރު ފާޅުކޮށް ގަޔަށް އަތްލާ ހިސާބަށް ގެންދިއުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޙިލާފް ޢަމަލެކެވެ.
ވީމާ، ޚިޔާލުތަފާތުވުމުން އުފެދޭ ކަންކަމުގައި މަޝްވަރާގެ ރިވެތި އުސޫލު ކުރިއަށްނެރެ ކަންކަން ޙައްލުކުރުމަށް މަގުފަހިވާނެ ގޮތަކަށް ކަންކަންކުރުމަށް ފުރުޞަތު ލިބިދިނުމަކީ ކަންކަން ޙައްލު ކުރުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމުގައި އަޅުގަނޑު ދެކޭ ވާހަކަ ދަންނަވަމެވެ.
ޢަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް
24 މުޙައްރަމް 1432
30 ޑިސެމްބަރ 2010