7 ބިލެއް މަޖިލީހުން ފާސްކުރައްވައިފި (28 ޑިސެމްބަރ 2010)

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 29ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ.

މިއަދުގެ ޖަލްސާއިން ގިނަ ޢަދަދެއްގެ ބިލުތަކެއް ފާސްކުރައްވައިފިއެވެ. މިއަދުގެ ޖަލްސާއިން ފާސްކުރެވުނު ބިލުތަކުގެތެރޭގައި، ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ގަލޮޅު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލާއި،  ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިލާއި، މަޑުއްވަރި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ވިސާމް ޢަލީ ހުށަހަޅުއްވާފައިވާ، ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ބިލާއި، ކުޅުދުއްފުށި ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ބިލާއި، މާވަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢެބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލު ވަނީ ފާސްކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓުވަނީ ކޮމިޓީން މަޖިލީހަށް ހުށަހެޅުއްވިގޮތަށް ފާސްކުރައްވާފައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 29 ޑިސެމްބަރ 2010 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގައެވެ.